ޚަބަރު
ފުލިދޫ އިންޖީނުގެ އާއި ތެޔޮ ރައްކާކުރާ ޓޭންކެއް ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
ވ. ފުލިދޫ. ފޮޓޯ: ބަޖެޓް މޯލްޑިވްސް
ވ. ފުލިދޫ އައު އިންޖީނުގެ އާއި ތެޔޮ ރައްކާކުރާ ޓޭންކެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިއުލާނުކޮށްފިއެވެ.
ސްޓެލްކޯއިން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، އެ ރަށުގައި ގާއިމްކުރާ ތެޔޮ ރައްކާކުރާ ޓޭންކަކީ 80،000 ލީޓަރުގެ ތެޔޮ ރައްކާ ކުރާ ޓޭންކެއް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 1000 ރުފިޔާއަށް ޑޮކިއުމަންޓް ގަންނަންޖެހޭނެ ކަމަށެވެ. އަދި މިހާރު މި މަސައްކަތްތައްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބިޑްގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގުރޭޑް 4 ނުވަތަ އޭގެ މަތިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ނުވަތަ އެއަގަށްވާ ޔޫއެސް ޑޮލަރު ހުށަހަޅަންޖެހޭ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރާ ފަރާތުން އަދާކުރަންޖެހޭ ކަމަށާއި ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބޭންކް ގެރެންޓީ ލެޓާ، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީ ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ސްޓެލްކޯއިން ބުނި ގޮތުގައި، ތަކެތި ނުވަތަ ހިދުމަތް ހޯދާ ފަރާތާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެނގޭނެ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ޖެހޭނެ ކަމަށާއި، މިފަދަ ލިޔުމެއް ހުށަނާޅައި ހުއްޓައި އެކަން ކުންފުންޏަށް އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މައުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށާއި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލު ކުރުމުގެ އިހުތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓެލްކޯ އިން ބުނީ މި ދެ މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3034657/ 3338472 ގުޅުމުން ލިބޭނެ ކަމަށާއި އަދި [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށެވެ.