ޚަބަރު
ވޭތުވެދިޔަ 3 އަހަރު އިސްލާމީ އުމްރާނީ މަޝްރޫއުތަކަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ
އިސްލާމީ މަރުކަޒު
ވޭތުވެދިޔަ 3 އަހަރު އިސްލާމީ ބިނާތަކާއި އުމްރާނީ ތަރައްގީއަށް 90 މަޝްރޫއެއް ހިންގުމަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފޮތުގައި ވަނީ، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ބިނާތަކާއި އުމްރާނީ ތަރައްގީގައި މި ސަރުކާރުގެ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.
މި ފޮތުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިއީ މިސްކިތްތަކާއި ވަގުފު ބިނާތަކުގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ އެންމެ ގިނައިން ހިނގަމުންދާ 3 އަހަރެވެ. އަދި އިސްލާމީ މަރުކަޒުތައް ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އަންނަނީ ނިންމަމުންނެވެ.
އިސްލާމީ ބިނާތައް އިތުރުކުރުމުގެ 90 މަޝްރޫއެއް ކުރިއަށްދާއިރު މި މަޝްރޫއުތަކުގެ ތެރޭގައި 53 މިސްކިތް، 13 އިސްލާމީ މަރުކަޒު، 17 ގުރުއާން މަރުކަޒު، 6 ވަގުފް ބިނާގެ އިތުރުން ހުޅުމާލެ އައިކޮނިކް ގްރޭންޑް މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި މިސްކިތްތަކުގެ މަރާމާތަށް ވެސް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ވަގުފް ގެ ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވާއިރު ސަރުކާރުގެ އަމާޒަކީ ވަގުފު އިތުރުކޮށްގެން ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ފަހުން އިސްލާމީ ކަންކަމަށް ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް މެނޭޖުކުރުމެވެ. އަދި 800 މީހުންގެ ޖާގައަށްވުރެ ބޮޑު، ހުރިހާ މިސްކިތް އޭސީކޮށް ނިމިފައިވާކަން ވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމުގައިވާ ޖާމިއުއްސުލްތާން މުހައްމަދު ބިން އަބްދުﷲ ގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މި މިސްކިތަކީ އެއްފަހަރާ 15000 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ބޮޑު މިސްކިތެކެވެ. އަދި މި މިސްކިތުގައި ކޮންފަރެންސް ހޯލްތަކާއި، އޮޑިޓޯރިއަމް، ކުލާސްރޫމްތައް، ލައިބްރަރީ، ގުރުއާން މިއުޒިއަމް ގެ އިތުރުން އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒެއް ވެސް ހުންނާނެއެވެ.