ޚަބަރު
ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް، ފާއިތުވި 3 އަހަރު 1.04 ބިލިއަނަށްވުރެ ގިނަ ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---
ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް، ފާއިތުވި 3 އަހަރުގެ ތެރޭގައި 1.04 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފޮތުގައި ވަނީ، ސްކޫލް ބިނާތަކާއި ވަސީލަތް ފުރިހަމަކުރަން އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ޑރ މުޢިއްޒު އެންމެ އިސްކަންދެއްވީ، ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތައް ކުރުމަށްފަހު އަމިއްލަ އެކި ފަރާތްތަކަށް ނުދައްކައި އަހަރުތަކެއް ވެފައިހުރި އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ޚަލާޞްކުރެއްވުމަށެވެ. އެގޮތުން ސަރުކާރުން ވަނީ، ސްކޫލުތަކުގެ އުމްރާނީ މަޝްރޫއުތަކަށް ނިމިދިޔަ ސަރުކާރުން ނުދައްކާހުރި 139 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައެވެ.
އެއާއެކު، މީގެކުރީގެ 10 ވަރަކަށް އަހަރު ސްކޫލް ބިނާކުރުމާއި ވަސީލަތްތައް ޤާއިމުކުރުމަށް ނުކުރާ ހޭދަވެސް މި ސަރުކާރުން ވަނީ ކޮށްދެއްވާފައެވެ.
ސަރުކާރުން ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް މި ދެއްވި އިސްކަމުގެ ސަބަބުން، ވަކިން ޚާއްޞަކޮށް، އަތޮޅުތަކުގެ ސްކޫލްތަކުގައި ޚިދުމަތްތައް ފުރިހަމަވަމުން، ޖާގައިގެ ދަތިކަން ފިލަމުން، ޒަމާނީ ވަސީލަތްތައް ވެސް ދަނީ ޤާއިމުވަމުންނެވެ. އެގޮތުން، ތަޢުލީމީ ދާއިރާގެ 163 ޢުމްރާނީ މަޝްރޫޢު އެކި މަރުހަލާތަކުގައި ދަނީ ކުރިއަށެވެ. މީގެ ތެރޭގައި 1082 ކްލާސްރޫމް، 89 މަލްޓިޕާޕަސް ހޯލް އަދި، 3198 އެޑިޔުކޭޝަނަލް ސަޕޯރޓް ފެސިލިޓީސް (ލެބް، ލައިބްރަރީ، އޮފީސް، ސްޓާފްރޫމް ފަދަ ތަންތަން) ހިމެނެއެވެ.
ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް 1.04 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މި ދައުރުގައި މިހާތަނަށް ވަނީ 23 މަލްޓިޕާޕަސް ހޯލްގެ މަޝްރޫއާއި، ލެބް އަދި ލައިބްރަރީފަދަ 707 ތަނެއްގެ މަސައްކަތް ނިންމާފައެވެ. އަދި 368 ކްލާސްރޫމުގެ މަޝްރޫއު ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.