ޚަބަރު
"ހުޅުމާލެ ޕޮލިސް ފޯރަމް 2026" ފަށައިފި
"ހުޅުމާލެ ޕޮލިސް ފޯރަމް 2026" ފެށުން. ފޮޓޯ: ފުލުހުން
ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" ފަށައިފިއެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ، ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މި ފޯރަމްގައި، ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ހާއްސަ ދައުވަތު އެރުވިގެން ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަމަވުމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާއި އެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް ޓަކައި، އަދި މަސައްކަތްތަކާއި މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް މި އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށެވެ.
ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން ވެސް އިސްކަންދޭންވީ ކަންކަމާއި، ޒިންމާތަކާއި، ހުޅުމާލެ ޕޮލިސްގެ ޖުމުލަ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލެވިގެން ދާންވާނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން، މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމާ އަދި މުޖުތަމައުގެ ބައިވެރިވުމާއި ކުށްމަދުކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާ މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މޮނިޓަރިން އަދި އިވެލުއޭޝަން ކަރަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް، ހިނގާ ގޮތް ބެލުމާއި ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަންޖެހޭނެ ކަމަށެވެ.