ޚަބަރު
އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާމާނު ހިފައިގެން އައި ބޯޓު އައްޑޫއަށް ބަނދަރުކޮށްފި
އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާމާނު ހިފައިގެން އައި ބޯޓު - ފޮޓޯ: ޕީއެންސީ ފޭދޫ ދެކުނު ދާއިރާ
އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢަށް ބޭނުންވާ ސާމާނުތައް ހިފައިގެން ދަތުރުކުރި އުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކޮށް، މަސައްކަތް ފެށުމުގެ ޢަމަލީ ތައްޔާރީތައް ފަށައިފިއެވެ.
މިއީ ލިންކް ރޯޑް މީގެ ކުރީގެ ސަރުކާރުތަކުން އަޅާނުލައި، ދޫކޮށްލާފައި އޮތުމުގެ ސަބަބުން ވީރާނާވެފައިވާ މަގު އަލުން ހަދައި، ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކުލީފަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މައިބަދަކަމުގައިވާ ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން މަގު ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން އެ މަގުން ދަތުރުކުރާ އާންމު ރައްޔިތުންނަށް ލިބެމުންދިޔަ ގެއްލުންތަކުން ސަލާމަތްކޮށްދިނުމަކީ މި ސަރުކާރުން މި މަޝްރޫޢަށް އިސްކަންދިން މައިގަނޑު އެއް ސަބަބެވެ.
މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، 24 ސެޕްޓެމްބަރު 2026 ގައި މި މަޝްރޫޢު ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއާ ޙަވާލުކޮށްފައެވެ. އަދި ޗައިނާގެ ކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 446.1 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ މަގު، 4 ލޭނަށް ފުޅާކޮށް ތަރައްޤީ ކުރެވޭނެއެވެ. އަދި މަގު ހެދުމުގައި 150 މިލިމީޓަރުގެ ސީޓީބީ ފަށަލައެއް އެޅުމަށްފަހު، 40 މިލިމީޓަރުގެ ބޯމިނުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ލިންކް ރޯޑަކީ އައްޑޫގައި ދަތުރުފަތުރު ކުރުމަށް އޮތް މައިގަނޑު މަގަށްވެފައި، އެހެން ބޮޑު ޑައިވަރޝަން މަގެއް ނެތުމުން، މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ސްޓޭޖްތަކަށް ބަހާލައިގެން، އާންމުންނަށް އެއްފަރާތުން ދުއްވޭނެ ފަދަ އިންތިޒާމަކާއެކުގައެވެ.
މި މަޝްރޫޢަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެނެވި، ޢަމަލީ މަސައްކަތް ފެށުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.