ޚަބަރު
ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ކޮލަމާފުށީގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުން. ފޮޓޯ: އެމްޓީސީސީ
ގއ. ކޮލަމާފުށީގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައި، ސައިޓް ތައްޔާރުކުރުމުގެ މަރުހަލާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އަޅާ ސަރަހައްދު ފާހަގަކުރުމާއި (ސެޓިންގ އައުޓް) ސައިޓް ވަކިކޮށް ފެންސް ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ދާއިމީ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ ސިޔާސަތުގެ ދަށުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މަޝްރޫއެކެވެ. ރާއްޖޭގެ އެކި ރަށްރަށުގައި 75 އަށް ވުރެ ގިނަ ޕޮލިސް ސްޓޭޝަނާއި ޕޯސްޓް އެޅުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުތައް ބަޖެޓުކޮށްފައިވަނީ ދައުލަތުގެ ޕީއެސްއައިޕީގެ ދަށުންނެވެ.
ކޮލަމާފުށީގައި ފުލުހުންގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިފައިވާއިރު، ފެބްރުއަރީ 2012 ގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުގައި ކުރިން ހުރި ފުލުހުންގެ މަރުކަޒަށް ގެއްލުންވެ، ޚިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އޭގެ ފަހުން އެ ރަށުގައި ފުލުހުންގެ ޚިދުމަތް މެދުނުކެނޑި ދެމުން އައީ ވަގުތީ ގޮތުން ހަމަޖައްސާފައިވާ ތަނެއްގައެވެ.
ސައިޓުގައި ފެންސް ޖެހުމާއި ސެޓިންގ އައުޓް މަސައްކަތްތައް ނިމުމުން، ދެން ކުރިއަށްދާނީ ބިންގަނޑު އެއްވަރުކުރުމާއި، ފައުންޑޭޝަނަށް ކޮނުމުގެ އިތުރުން ކޮންކްރީޓް މަސައްކަތްތަކެވެ. އަދި އައު އިމާރާތް ނިމެންދެންވެސް، ރަށުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ފުލުހުންގެ ޚިދުމަތްތައް އާންމުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.