ޚަބަރު
ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރްއާން ހިފްޒު ކުރުމުގެ މުބާރާތް އަންނަ އަހަރު
މުބާރާތުގެ ކަންކަން ފައިނަލް ކުރުމަށް ބޭއްވެވި ބައްދަލުވުމެއް. ފޮޓޯ: ޑރ. ޝަހީމް
ސަޢޫދީ ޢަރަބިއްޔާއާ ގުޅިގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާ ސަރަޙައްދުގެ ބައިނަލްއަޤްވާމީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، މި މުބާރާތް އަންނަ 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުބާރާތުގެ އިންތިޒާމުތައް ވިލަރެސްކޮށް ނިންމުމަށްޓަކައި ސަޢޫދީ މިނިސްޓްރީގެ ޚާއްޞަ މަންދޫބަކު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
ވަޒީރު ވަނީ، މި މުބާރާތް އިންތިޒާމުކޮށް ބޭއްވުމުގެ އެންމެހައި ޚަރަދުތައް ފުރިހަމައަށް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރާއި ތަޢުރީފު އަރިސްކުރައްވާފައެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ، ގުރްއާން ހިތުދަސްކުރުމުގެ މަތިވެރި ކާމިޔާބީ ފާހަގަކުރުމާއި، އިސްލާމީ ތަޢުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، ވުޒާރާގެ އުންމީދަކީ މި މުބާރާތަކީ ޤުރްއާނުގެ ޢިލްމު ކުރިއަރުވައި، ޙާފިޡުންގެ އައު ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ އަހަރީ މަންސައަކަށް ވެގެންދިއުން ކަމަށެވެ.
މިއަހަރުގެ އޯގަސްޓް މަހު ވަޒީރު ޝަހީމް ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން އަބްދުލްޢަޒީޒް އާލްޝައިޚްއާ ބައްދަލުކުރައްވާ ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޤުރްއާން ހިފްޒު މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، 300 އަށްވުރެ ގިނަ ޙާފިޒުންނާއެކު އިތުރު 1،800 އަށްވުރެ ގިނަ މީހުން އަންނަނީ ރާއްޖޭގައި ޤުރްއާން ހިތުދަސްކުރަމުންނެވެ.