ޚަބަރު
ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ފަށައިފި
ފޮޓޯ: ޔޫތު މިނިސްޓްރީ
ޔޫތް އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓްރީ އިން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް އިއްޔެ ފަށައިފިއެވެ.
އެ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ކޮންފަރެންސް ކުރިއަށް ގެންދަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ޔޫތް ހަބްގެ ހޯލުގައެވެ. އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ މި ކޮންފަރެންސް ފަށާފައިވަނީ އިއްޔެގައެވެ.
"ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުން ކުރިއަށް ދާ މި ކޮންފަރެންސް ގެ މައިގަނޑު މަގްސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި ކޮންފަރެންސް އަކީ "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުސޫލުގެ މަތިން ބާއްވާ ކޮންފަރެންސް އެއް ކަމަށާއި މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ ޙަރަކާތެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
މި ކޮންފަރެންސްގެ މަޝްވަރާތަކާއި ހައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރާއިރު އެ ދާއިރާތަކަކީ:
- ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން.
- ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން.
- އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތައް.
- ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން.
- ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް.
- މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނި ގޮތުގައި މިކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުން، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މަައްސަލަތަކަށް ޒުވާނުން ހައްލު ހުށަހެޅުމެވެ.