ޚަބަރު
ވީއޭއެމް 3 ތިން ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އެޗްޑީސީ އިން ހޯދައިފި
ފޮޓޯ: އެޗްޑީސީ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ކުރިއަށްގެންދިޔަ 3 ބީޗް ވޮލީ މުބާރާތުގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.
އެ ކޯޕަރޭޝަނުން ޗެމްޕިއަންކަން ހޯދާފައިވާ ތިން މުބާރާތަކީ ބީޗް ވޮލީ ޗެމްޕިއަންޝިޕް ،ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު ގެ އިތުރުން ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕްއެވެ. ބީޗް ވޮލީ ޗެމްޕިއަންޝިފް ކުރިއަށް ދިޔައީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ތިން ޓީމު ކުޅެފައިވާއިރު މި މުބާރާތުގައި ޖުމްލަ 18 ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތުން އެޗްޑީސީ ކެމްޕިއަންކަން ހޯދާފައިވަނީ އެ ޓީމުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.
ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކޮށްފައިވާއިރު އެޗްޑީސީގެ ފަރާތުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެވެ. މި މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
މީގެ އިތުރުން އެޗްޑީސީ އިން ވާދަކޮށްފައިވަނީ ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައެވެ. މި ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު 18 ވަނަ ދުވަހުގައެވެ. މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ވާދަކޮށްފައިވާއިރު މި މުބާރާތުން ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ.
އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.
އަދު ސަރުކާރުން އަންނަނީ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ގިނަ ރަށްރަށުގައި ފިޓްނަސް ސެންޓަރު، ފުޓުބޯޅަ ދަނޑު، ވޮލީކޯޓު ފަދަ ތަންތަން ގާއިމްކޮށްދީފައެވެ. އަދި މި ސަރުކާރުންވަނީ ވޭޕް ބޭނުން ކުރުން މަނާކޮށް ޒުވާން ޖީލަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައެވެ.