ޚަބަރު
ޚަރަދުނުކުރާ ކަމަށް ބުނެ މެޑްރިޑް އެކެޑަމީގެ ވެރިޔާ ހެދީ ދޮގު: ނޮޅިވަރަމް ކައުންސިލް
ހދ. ނޮޅިވަރަމް. ފޮޓޯ: ޒުވާން މަސްވެރިޔާ
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމަށް ކައުންސިލުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ބުނެ، މެޑްރިޑް ސްޕޯޓްސް އެކެޑަމީގެ ވެރިޔާ މުޙައްމަދު ޒިޔާދު ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ، ހދ. ނޮޅިވަރަމު ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ނޮޅިވަރަމު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި މުބާރާތުގައި ވާދަކުރި އެ އެކެޑަމީގެ ތިން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޓަކައި އެ ކުދިން އެނބުރި ރަށަށް އައުމުން ކައުންސިލާއި ރައްޔިތުން ގުޅިގެން ބަނދަރުމަތީގައި ބޭއްވި މަރުޙަބާ ކިޔުމުގެ ޙަފްލާގައި، އެކެޑަމީގެ ވެރިޔާ މުޙައްމަދު ޒިޔާދު ވާހަކަދައްކަވާފައިވަނީ ކައުންސިލް ބަދުނާމުވާ ގޮތަށް ކަމަށެވެ. އަދި ކައުންސިލުން ލޯލާރިއެއްވެސް ޚަރަދުނުކުރާ ކަމަށް ބުނެފައިވަނީ، ކަން ހިނގައިދިޔަ ގޮތުގެ އަސްލު އޮޅުވާލުމަށްފަހު ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ކައުންސިލްގެ ބަޔާނުގައި ވާގޮތުން، ކައުންސިލްގެ މާލިއްޔަތުން އެހީތެރިކަން ދިނުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އުޞޫލުތައް ހަމަޖެހިފައިވާ ގޮތާއި، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕަށް ކައުންސިލްގެ ބަޖެޓުން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތް ވަރަށް ސާފުކޮށް މެޑްރިޑް އެކެޑަމީއަށް އޮތީ ބަޔާންކޮށްދީފައެވެ. ނަމަވެސް އެ އުޞޫލުތަކުގެ ތެރެއިން އެހީ ހޯދުމުގެ ބަދަލުގައި، ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ކުޑަކުދިން އަދި ރައްޔިތުން ތިބި މާޙައުލެއްގައި ރަށުގެ އެންމެ މަތީ އިދާރީ މުއައްސަސާ ބަދުނާމުކޮށް، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ނުތަނަވަސްކަން އުފެދޭގޮތަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެއިތުރުން، މާލީ ޤަވާޢިދުތައް ހުރިގޮތުން ފައިސާގެ އެހީތެރިކަން ދިނުމުގައި ދިމާވި ހުރަސްތައް ފިޔަވައި، އެ އެކެޑަމީގެ ތަމްރީނުތަކާއި އެހެނިހެން ކަންކަމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:
- ދަރިވަރުންގެ ފަރިތަކުރުންތަކަށް ރޭގަނޑު އަލިކޮށްގެން ދަނޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
- ބެލެނިވެރިންނާއި ޓީމުގެ ބައްދަލުވުންތައް ބޭއްވުމަށް ޔޫތު ސެންޓަރުގެ ޖާގަ އެއްވެސް ދަތިކަމެއްނެތި ހަމަޖައްސައިދިނުން.
- ކައުންސިލްގެ އިދާރީ އަދި ލޮޖިސްޓިކް ވަސީލަތްތައް މެދުވެރިކޮށް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން.
ނޮޅިވަރަމު ކައުންސިލުން އިތުރަށް ބުނެފައިވަނީ، މިފަދަ އެހީތެރިކަން ފޮރުވައި ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފެތުރުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފު ނާތަހުޒީބު ޢަމަލެއް ކަމަށެވެ. އަދި އެ ކައުންސިލަކީ އަބަދުވެސް ރަށުގެ ޒުވާނުންނާއި ކުޑަކުދިންގެ ކުރިއެރުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެއްބާރުލުން ދޭނެ މުއައްސަސާއެއް ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.