ޚަބަރު
ގާނޫނީ ދާއިރާއިން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް ޓެސްޓު ހެދޭގޮތަށް ބަދަލުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: މަޖިލިސް
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް ޓެސްޓު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން މި އަހަރުގެ ތެރޭގައި ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ފަހުގައެވެ.
ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، ގާނޫނީ ތައުލީމު ފަށައިގެން މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުން އެ އިސްލާހުން އިސްތިސްނާކުރުމަށެވެ. އަދި ބާ ކައުންސިލުން ގެނައި އާ އުސޫލަކީ ހަމައެކަނި އަލަށް ފަށާ ޕްރޮގްރާމްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރެވޭ އުސޫލެއްގެ ގޮތުގައި ހަމަޖައްސައި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ކައުންސިލަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ގާނޫނީ ތައުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައެވެ.
ނަމަވެސް އެ އިސްލާހުގައި އެހެން އޮތް ނަމަވެސް، ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިޚުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށާއި، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އިސްލާހު ހުރަސްނާޅާ ކަމަށް މީގެ ކުރިން ބާ ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް، އެ ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިނަ އަދަދެއްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެ ކޯސްތަކުގައި ދަރިވަރުން ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު އޮތް ކަމަށް އިތުބާރުކޮށްގެން ކަމަށެވެ. އަދި ކޯހުގެ މެދުތެރެއިން އެފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، މަރުކަޒަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ދަރިވަރުން ބުނެފައިވެއެވެ.
އެހެންކަމުން ދަރިވަރުން އެދިފައިވަނީ މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް ނިމިގެން، އަލަށް ފެށޭ ޕްރޮގްރާމްތަކަށް އެ އުސޫލު ހިންގުން ފަސްކޮށްދިނުމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި ނިންމުމާއެކު ދަރިވަރުންގެ މި ކަންބޮޑުވުމަށް ވަނީ ބޮޑު ހައްލެއް ލިބިގެން ގޮސްފައެވެ.