ޚަބަރު
މާބައިދުއާއި ތިމަރަފުއްޓަށް އައު ދެ ޖެންސެޓް ގެންގޮސް ބޭނުންކުރަންފަށައިފި
ތިމަރަފުއްޓަށް ގެންދިޔަ އައު ޖެންސެޓް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ
ތ. ތިމަރަފުއްޓާއި ލ. މާބައިދޫގެ ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމަށް އެ ދެ ރަށަށް ގެންދިޔަ 400 ކިލޯވޮޓުގެ އައު ދެ ޖަނަރޭޓަރު ސެޓް އިންސްޓޯލްކޮށް، ކޮމިޝަންކުރުމަށްފަހު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވީ، މި ދެ ރަށުގައި ވެސް 400 ކިލޯވޮޓުގެ އައު ޖެންސެޓް ބަހައްޓައި ބޭނުންކުރަން ފަށާފައިވަނީ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށެވެ.

މި އައު ޖަނަރޭޓަރު ސެޓްތަކާއެކު ތިމަރަފުއްޓާއި މާބައިދޫގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި މީގެ ސަބަބުން އެ ދެ ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ސަރުކާރުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އައި އިންޖީނުގެތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.