ޚަބަރު
ފެލިދޫ ޕޮލިސް ސްޓޭޝަން: މައި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށައިފި
މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ވ. ފެލިދޫ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ތަނުގެ މައި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްތައް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން އެކްސްގައި ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ މައި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ކަމަށެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްރަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
Project Update: Construction of V. Felidhoo Police Station Main building 1st floor shuttering and reinforcement works are ongoing. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/StMIT7QgRF
— MTCC Plc (@MTCCPlc) November 23, 2026
އެތަނުގައި ވަށާފާރު ރޭނުމާއި، އޮފީސް ބްލޮކަކާއި، ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމުކޮށް، އެ ތަނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، 43 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ. މަޝްރޫއު ނިމުމުން، އެ ރަށަށް ގިނަގުނަ މަންފާތަކަކާއި ނަފާތަކެއް ލިބޭނެ ކަމަށާއި ފުލުހުންގެ މަރުކަޒުގެ ސަބަބުން އެ ރަށުގެ އަމާންކަން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.