Ads by Farudhun

ޚަބަރު

ފަތުރުވެރިންނަށް "އީ-ގޭޓް" މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރަންސް ދޭން ފަށައިފި

ފަތުރުވެރިންނަށް "އީ-ގޭޓް" މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރަންސް ދޭން ފަށައިފި

އީ-ގޭޓުގެ ޚިދުމަތް އަލުން ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ނޮވެމްބަރު 2026، 12:31

24 ނޮވެމްބަރު 2026، 12:31

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮޓޮމޭޓެޑް "އީ-ގޭޓް" މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރަންސް ދޭން ފަށައިފިއެވެ.

މިއަދު ވެލާނާ އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މި ގޭޓްތަކުން ދިވެހިންނަށް ޚިދުމަތް ދެމުން އައި ނަމަވެސް، މިއަދުން ފެށިގެން އެރައިވަލް އަދި ޑިޕާޗާގައި ވެސް ފަތުރުވެރިންނަށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖުމްލަ 35 އީ-ގޭޓް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި އެރައިވަލްގައި ޤާއިމުކުރި 20 ގޭޓާއި، ޑިޕާޗާގައި ބެހެއްޓި 15 ގޭޓު ހިމެނެއެވެ. މި ގޭޓުތަކުގައި ބޭނުންކޮށްފައި ވަނީ ދުނިޔޭގެ އެންމެ ޒަމާނީ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީއެވެ. އެގޮތުން ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން މެދުވެރިކޮށް ދަތުރުވެރިޔާގެ ޝަޚްސު ވަގުތުން ކަށަވަރުކުރެވޭއިރު، ކޮންމެ ފަސިންޖަރަކަށް ވެސް 6 އާއި 7 ސިކުންތުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކްލިއަރެންސް މަރުހަލާ ފުރިހަމަކުރެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މިއީ "މޯލްޑިވްސް 2.0" ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ބޯޑަރުން ވަދެނުކުތުމުގައި ފަސިންޖަރުންނަށް ލިބޭ ޚިދުމަތް އެތައް ގުނައަކުން އަވަސްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި މަސައްކަތުގެ އާޚިރު ނަތީޖާއަކީ ދިވެހިރާއްޖޭގެ ބޯޑަރުން ވަދެގެން އަންނަ ކޮންމެ ފަރާތަކީ ސަލާމަތާއި ރައްކާތެރިކަމާ ކަށަވަރުކުރަންޖެހޭ އެހެނިހެން ކަންކަން ކަށަވަރުވެގެން އޭނަ އެތެރެވާއިރުގައިވެސް ދިވެހިރާއްޖެއަކީ ޓުއަރިޒަމް ޑެސްޓިނޭޝަނެއް ކަމަށް ދަނެގެން އެ ދެވޭ ޚިދުމަތަކީ އެންމެ އަވަހަށް ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން،" 

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ދަށުން، އެއްފަހަރު ރާއްޖެ އައިސްފައިވާ ފަރާތެއްގެ ސެކިއުރިޓީގައި އިތުރު މައްސަލައެއް ނެތްނަމަ، ދެވަނަ ފަހަރަށް ޕާސްޕޯޓް ސްކޭން ނުކޮށް ވެސް ރާއްޖެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ފަސިންޖަރު އެ ހުންނަ ޤައުމަކުން ޗެކިންވާ ހިސާބުން "އިމުގާ" ސިސްޓަމް މެދުވެރިކޮށް އީ-ގޭޓް ކްލިއަރެންސްގެ ވެރިފިކޭޝަން ލިބި، އީ-ގޭޓް ފަހަނައަޅައި ދިއުމާއެކު އީ-ވިސާ އީމެއިލަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. 

މީގެއިތުރުން، ކުރީގެ ނިޒާމާ އަޅާބަލާއިރު ޚިދުމަތް ދިނުމުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ދެ ގަޑިއިރެއްހާއިރު ތެރޭގައި އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ އެތެރެވާ ވަގުތުތަކުގައި މިއީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ބަދަލާއެކު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ވެސް ރާއްޖެއިން އައު މިންގަނޑެއް ކަނޑައަޅައިދީފައިވާ ކަމަށެވެ. އަދި "މޯލްޑިވްސް 2.0" ގެ މައިގަނޑު ސިޔާސަތަކީ ކޮމްޕިއުޓަރު ސިސްޓަމްތައް މެދުވެރިކޮށް އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއަދު ތަޢާރަފުކުރެވުނު ޚިދުމަތާއެކު މޯލްޑިވްސް އިމިގްރޭޝަނަކީ ސައްތައިން ސައްތަ އޮންލައިންކޮށް ޚިދުމަތްދޭ މުއައްސަސާއަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން، މި ލަނޑުދަނޑި ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާއި ހިތްވަރަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ޚިދުމަތް އަވަސްކުރުމުގެ އިތުރުން ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ވެސް މި ނިޒާމުގައި ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ޕާސްޕޯޓް ޗިޕުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ޕެސިވް އޮތެންޓިކޭޝަން އަދި ޗިޕަކީ އަސްލެއްކަން ޔަޤީންކުރުމަށް އެކްޓިވް އޮތެންޓިކޭޝަން ބޭނުންކުރެވެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފާހަގަކުރި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ބޯޑަރުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450