ޚަބަރު
ރަސްމާލެ މަޝްރޫއަށް ހުރަސްއެޅުމަކީ ރައްޔިތުންގެ އިގްތިސާދީ ތަނަވަސްކަމަށް އެޅޭ ހުރަހެއް: މުއްޠަލިބް
ހައުސިނގ މިނިސްޓަރު މުއްތަލި- ފޮޓޯ: މަޖިލިސް
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް އިދިކޮޅު އެމްޑީޕީންނާއި އަދި އެހެނިހެން ސިޔާސީވެރިން ހުރަސްއެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ މާލީ އަދި އިގްތިސާދީ ފުދުންތެރިކަމަށް އެޅޭ ސީދާ ހުރަހެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ މޭރުމުން ވާހަކަދައްކަވަމުން ވަޒީރު ވަނީ، އެމްޑީޕީގެ ވިސްނުމަކީ އިގްތިސާދީ އެއްވެސް ހަރަކާތެއް އަދި ވަޒީފާގެ ފުރުސަތެއް ނެތް ގޮތަށް ހަމައެކަނި "ނިދަން އަރާ ހާލިތަކެއް" ބިނާކުރުންތޯ ސުވާލު އުފައްދަވާފައެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ހުޅުމާލެ ތަރައްގީވަމުން އައި ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފެށި ނަމަވެސް 2018 އާ ހަމައަށްވެސް އެތަން ފެނިގެންދިޔައީ ހަމައެކަނި މީހުން ނިދަންދާ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ ސަބަބުން ދަތުރުފަތުރަށް ލުޔެއް ލިބިގެންދިޔަ ނަމަވެސް، ހުޅުމާލޭގައި އެކަށީގެންވާ ވަޒީފާގެ މާހައުލެއް ބިނާވެފައި ނެތުމުގެ ސަބަބުން، ކޮންމެ ދުވަހަކު 60،000 އެއްހާ މީހުން ވަޒީފާއަށް މާލެއަށް ދަތުރުކުރަން ޖެހިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި އުޅެނީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި "ނިދަން އަރާ ތަނެއްގެ" ގޮތުގައި ދެކޭދެކުން ބަދަލުކުރަން. އެތަނަކުން ވަޒީފާ ލިބި، އެތަނަކުން އާމްދަނީ ހޯދޭނެ ގޮތެއް ފަހިވެ، މި ފުރަމާލެއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭނެކަހަލަ ގޮތަކަށް ތަނެއް ތަރައްގީކުރަން. އެތަން ތަރައްގީކުރާނީ ކިހިނެތްތޯ؟ އެތަން ތަރައްގީކުރަން ބޭނުންނަމަ އިބްރާހީމް މުހައްމަދު ސޯލިހް ގުޅިފަޅުން ގޯތިދިން ގޮތަށް ގިރާވަރުފަޅުން ގޯތިދިން ގޮތަށް ރަސްމާލޭއިން ގޯތި ދޫކޮށްފިނަމަ ކުރިއަށް އޮތް 40 އަހަރު ތެރޭގައި ވެސް އެތަން ތަރައްގީއެއް ނުވާނެ."
މުއްތަލިބު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ނިދާލަން އަރާ ތަނެއްގެ ގޮތުގައި ދެކޭދެކުން ބަދަލުކުރުމަށް ކަމަށެވެ. އަދި އަމާޒަކީ އެ ސަރަހައްދަކުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާމްދަނީ ލިބި، އަދި އަސާސީ ހިދުމަތްތައް ހޯދުމަށް ފުރަމާލެއަށް ބަރޯސާވާން ނުޖެހޭނެ ފަދަ ފުރިހަމަ ތަރައްގީއެއް ގެނައުން ކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި ގޮތަށް ރަސްމާލެއިން ވެސް ގޯތި ދޫކޮށްފިނަމަ، ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި ވެސް އެތަން ތަރައްގީ ނުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ މާސްޓަރ ޕްލޭނަކީ ހުރިހާ ޒަމާނީ ހިދުމަތްތަކަކާއެކު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ގެދޮރުވެރިކަމުގެ ދައްޗަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. އެހެންކަމުން އެ ސަރަހައްދުގައި ގާއިމުކުރެވޭ ވަރުގަދަ އިގްތިސާދީ ހަރަކާތްތަކަށް ހުރަސްއެޅުމަކީ ރައްޔިތުންގެ މާލީ ފުދުންތެރިކަމަށް އެޅޭ ހުރަހެއް ކަމުގައި ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އެކި ފާޑުކިޔުންތައް އަމާޒުކުރަމުން ދިޔަ ނަމަވެސް، މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ވަޒީރު މުއްޠަލިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީޑިއާތަކާއި ރައްޔިތުންނަށް ސާފު މައުލޫމާތު ހާމަކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.