ޚަބަރު
މިދިޔަ މަހު ކުދިންގެ އަޚްލާޤީ 35 މައްސަލަ: ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލަތައް ގިނަ
މާލޭ އިމާދުއްދީން ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ: ސަން
މިދިޔަ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ދާން ބޭނުންނުވުމާއި ރުޅި އިސްކުރުމުގެ މައްސަލަތަކެވެ.
އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުދިންގެ އަޚްލާޤީ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 6 މައްސަލައަކާއި، ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލައެއް ހިމެނެއެވެ.
މީގެ އިތުރުން އެހެނިހެން އަޚްލާޤީ މައްސަލަތަކުގެ 18 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 22 މައްސަލައަކާއި އަންހެން ކުދިންގެ 13 މައްސަލައެކެވެ.
އަޚްލާޤީ މައްސަލަތަކުގެ އިތުރުން، ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ވެސް އޮކްޓޯބަރ މަހު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 20 މައްސަލައަކާއި، ކުދިންނާ ބައްދަލުކުރުމުގެ 9 މައްސަލައެއްގެ އިތުރުން ހަޟާނާގެ 4 މައްސަލައެއް ހިމެނެއެވެ.
އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 3 މައްސަލައަކާއި، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 11 މައްސަލައެއް ވެސް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އަޅައިލުން ބޭނުންވެގެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އަޅާލުމާ ގުޅޭ މައްސަލަތަކެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، މިދިޔަ އޮކްޓޯބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 153 ކުދިން ތިބި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އެއީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ. މީގެ އިތުރުން އޮކްޓޯބަރ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 3 ކުއްޖަކު ވަނީ އަނބުރާ ޢާއިލާތަކާ ގުޅުވައިދީ، ރީއިންޓިގްރޭޓް ކުރެވިފައެވެ.
ހަމައެއާއެކު، ވުޒާރާގެ ހެލްޕްލައިންތަކަށް މިދިޔަ މަހު ޖުމްލަ 2،324 ކޯލު ލިބިފައިވެއެވެ. އޭގެ ތެރޭގައި ޗައިލްޑް ހެލްޕްލައިން 1412 އަށް ލިބުނު 1،775 ކޯލާއި، ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ލިބުނު 549 ކޯލު ހިމެނެއެވެ.
އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ މަހު އެ ވުޒާރާއިން ވަނީ 141 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީ، 24 ފަރާތަކަށް ޕޭރެންޓިން ސެޝަން އަދި އިތުރު 24 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައެވެ.