ޚަބަރު
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" ކާމިޔާބުކަމާއެކު ނިންމާލައިފި
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މަޝްވަރާކޮށް ހައްލުތައް ހޯދުމަށް އަމާޒުކޮށްގެން މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލުގައި ކުރިއަށް ގެންދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
ތިން ދުވަހުގެ މުއްދަތަށް "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި މާލެއިން 67 ޒުވާނުން އަދި އަތޮޅުތަކުން 20 އަށްވުރެ ގިނަ ޒުވާނުން ހިމެނޭހެން ޖުމްލަ 87 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. މި ބައްދަލުވުން އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން މިކަމަށް ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ. އެގޮތުން މި ބައްދަލުވުމުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، އިމޯޝަނަލް ވެލްބީއިންގ، ކަންކަމަށް ކެތްތެރިވުން، އާއިލީ ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން ހިމެނޭހެން މައިގަނޑު 6 ދާއިރާއަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުމާއި، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، އެންމެ ފަހު ދުވަހު މި މައްސަލަތަކަށް ޒުވާނުންގެ އަމިއްލަ ވިސްނުމާއެކު ހައްލުތައް ހުށަހެޅުމެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި، ބައިވެރިންގެ ތެރެއިން އެކުލަވާލި 6 ޓީމަކުން ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ އެކި ދާއިރާތަކަށް އަމާޒުކޮށް ތައްޔާރުކުރި 6 ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މި ރަސްމިއްޔާތުގައި ޕްރެޒެންޓޭޝަން ހުށަހެޅި ޒުވާނުންގެ އަގުވަޒަންކޮށް ސެޓްފިކެޓް ވެސް ވަނީ ދީފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ އޮފިޝަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. މީގެއިތުރުން، ކަމާގުޅޭ މުހިންމު ސްޓޭކްހޯލްޑަރުންގެ ގޮތުގައި ޞިއްޙީ ވުޒާރާއާއި، ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ، ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ، މޯލްޑިވްސް ޕޮލިސް ސަރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުން މި ކޮންފަރެންސްގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.