ޚަބަރު
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.--
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15އަށް އިތުރުކުރުން ހިމެނޭހެން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، އެ ކޯޓުތަކުގެ އިޚްތިޞާޞް އަދި އިސް މަޤާމުތަކުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކޮށް ހަރުދަނާކުރުމެވެ. މީގެއިތުރުން ކޯޓުތަކުގެ އިދާރީ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިޞްލާޙުތައް ގެނައުމެވެ.
މި ބިލުން އެ ޤާނޫނަށް ގެންނަ މައިގަނޑު އިޞްލާޙުތައް:
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިތުރުކުރުން
- ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅޭ އަދި ހިނގަމުންދާ މައްސަލަތަކުގެ ނިސްބަތުން އެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޢަދަދު ކަނޑައެޅުން
- މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި، އެ ރަށެއްގައި ޤާއިމުވެ ހުންނަ ފަނޑިޔާރު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހުންނަންވާނެކަމަށް ކަނޑައެޅުން
- ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި، "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ ވަކި އޮފީހެއް ޤާއިމުކޮށް، އެ އޮފީހުގެ ހައިސިއްޔަތާއި، ދައުރު ކަނޑައެޅުން
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އިސްވެރިޔެއްގެ ގޮތުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމު އުފައްދައި، އެ މަޤާމަށް މީހަކު ޢައްޔަންކުރުމާއި، މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު ކަނޑައެޅުން
- ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި އެސިސްޓަންޓް ރަޖިސްޓްރާރުން ޢައްޔަންކުރުމުގެ އުޞޫލުތަކާއި، އެ މަޤާމުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކޮށް، ހަރުދަނާކުރުން
- ކޯޓުތަކުގެ އިސް ޤާޟީންނާއި، އިސް މެޖިސްޓްރޭޓުންނާއި، ކޯޓުތަކުގެ ޢާންމު މަޖިލީހާއި، ކޮންމެ ކޯޓެއްގެ އިދާރީ ހިންގުމުގެ އިސް ފަރާތްތަކުގެ ދައުރު ކަނޑައެޅުން
- ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލުތަކަކީ ކޮބައިކަމާއި، އެ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުޞޫލުތައް ކަނޑައެޅުން
- ކޯޓުތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ދައުލަތުގެ މާލިއްޔާއިން ކޯޓުތަކަށް ދޫކުރާނެ ފައިސާގެ އެންމެ ދަށް އިންސައްތަ ކަނޑައަޅައި، އެ ފައިސާ ވަކިވަކި ކޯޓުތަކަށް ދޫކުރުމުގެ އުޞޫލުތައް ބަޔާންކުރުން
- ކޯޓުތައް ހިންގުމުގައާއި، ޝަރީޢަތް ކުރުމުގައި ކޯޓުތަކުން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުޞޫލުތައް އެއްގޮތްކުރުމަށް މަސައްކަތްކުރުމަށްޓަކައި، "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އޮންނަންވާނެކަމަށް ކަނޑައަޅައި، އެ ކައުންސިލްގެ ޒިންމާއާއި މަސްއޫލިއްޔަތު ކަނޑައެޅުން
- ކޯޓުތަކުން އެކުލަވާލާ ގަވާއިދުތައް އެއްހަމަކޮށް، އެއްގޮތްކުރުމުގެ އުޞޫލުތައް ބަޔާންކޮށް، ގަވާއިދުތަކާއި މިންގަނޑުތަކާއި، އުޞޫލުތައް ހެދުމުގެ މައިގަނޑު ޒިންމާ ޖުޑީޝަލް ކައުންސިލް ޙަވާލުކުރުން
މިހާރު އަމަލުކުރަމުންދާ ގާނޫނު ބަޔާންކުރާ ގޮތުގައި، ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތަކާއި ލިޔެކިޔުންތައް ފޮނުވުމަށް މާލޭގައި ހުންނަ ކޯޓުތަކަށް އެންމެ ގިނަވެގެން ދެވެނީ 7 ދުވަހެވެ. އަދި އަތޮޅުތަކުގެ ކޯޓުތަކަށް އެކަމަށް 30 ދުވަހުގެ މުއްދަތެއް ލިބިދެއެވެ. އެހެންނަމަވެސް، އަލަށް ގެންނަން ހުށަހަޅާފައިވާ ބަދަލުގައިވާ ގޮތުން، ދަށު ކޯޓުތަކުގެ ތަފާތުކުރުމެއް ނެތި ހުރިހާ ކޯޓަކުން ވެސް 14 ދުވަހުގެ ތެރޭގައި އެ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަން ލާޒިމުވެއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީން ނުވަތަ އެހެން ވެސް ގާނޫނަކުން ވަކި ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހައިކޯޓުގައި ބާއްވާ ހުރިހާ ޝަރީއަތުގެ އަޑުއެހުންތަކެއް ވެސް ކުރިއަށްގެންދަންވާނީ އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލައިގެން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.