ޚަބަރު
އަންނަ މަހު ސުޕްރީމް ކޯޓު ރިސެސް އަށް ދަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.
ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމަށް އެ ކޯޓުން ނިންމައިފިއެވެ.
އެ ކޯޓުން މައުލޫމާތު ދިން ގޮތުގައި އެ ކޯޓު ރިސެސް އަށް ދިއުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ ކޯޓު ރިސެސް އަށް ދަނީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި މި މުއްދަތުގައި އެ ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑިއެހުމެއް ނޯންނާނެ ކަމަށާއި މި މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓު ރިސެސްގައި ވަނިކޮށް ޤާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިއްޖެ ނަމަ، އެ ހިނދުން ފެށިގެން ސުޕްރީމް ކޯޓުގެ ރިސެސް ނިމުމަކަށް ގެނެވި، ރިސެސްގެ ކުރީން ހިނގަމުން އައި ދައުރު އަލުން ފެށޭނެއެވެ.
އެކަށީގެންވާ ދުވެއްޔެއްގައި ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލަތައް ނިންމުމުގެ މަޤުޞަދުގައި، އެ ކޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަނޑައަޅާ ކަނޑައެޅުމެއްގެ މައްޗަށް، އެ އަހަރެއްގެ ދައުރު ނިމުމަށް ފަހު އަނެއް އަހަރުގެ ދައުރު ފެށުމާ ދެމެދުގެ ރިސެސްގައި، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމަށް ހުރަސް ނާޅާ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.