ޚަބަރު
ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބިން ހަމަޖެހިއްޖެ
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ. ފޮޓޯ: މަޖިލިސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ ޓެކްނިކަލް ރިކުއަރމަންޓްސް ކަނޑައެޅުމާއި، ދޭނެ ޚިދުމަތްތައް ޕްލޭންކުރުމުގެ އިތުރުން، އިންޖިނިއަރިންގ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުޅުމާލެ ފޭސް 2 ގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފަ. މިއީ 500 އެނދުގެ ޚިދުމަތްދޭ މަރުކަޒެއް. އަދި މި މަޝްރޫޢަށް މިހާރު ވަނީ އިކޮނޮމިކް ކައުންސިލުން ހުއްދަވެސް ދެއްވާފަ،"
ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރާ މި ޓާޝަރީ ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަރ ސްޕެޝަލިސްޓު ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް ވެސް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކޮށް، ރާއްޖެއިން ބޭރުން ނޫނީ ނުލިބޭ ޚާއްސަ ފަރުވާތައް ރާއްޖޭގައި ތިބެގެން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.