ޚަބަރު
ތެލެސީމިއާގެ ޚިދުމަތްތަކަށް މި ސަރުކާރުން ބޮޑު ކުރިއެރުމެއް ގެނެސްދީފި: ވަޒީރު ޤީލާ
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ. ފޮޓޯ: މަޖިލިސް
ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް ފުޅާކޮށް، އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީފައިވާ ކަމާއި، މި ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހޯދައިދީފައިވާކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ފަހަގަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި ބްލަޑް ބޭންކުގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން 200 ޕިންޓް ރައްކާކުރެވޭ ގޮތަށް ހުރި ބްލަޑް ބޭންކުގެ ޖާގަ، މިހާރު 600 ޕިންޓަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ކޮންމެހެން ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ދަގަނޑުގެ ބައި ދެނެގަތުމަށް ހަދާ ޓެސްޓުތަކާއި، ތެލެސީމިއާ ވާރުތަވާ ގޮތް ދެނެގަތުމަށް ބޭނުންވާ ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުން ހިމެނެއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، (ތެލެސީމިޔާ ހުންނަ) ކޮންމެ ކުއްޖަކަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެއްސީ ވެސް މި ސަރުކާރުން."
ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޤީލާ އިތުރަށް ވިދާޅުވީ، ތެލެސީމިއާ ކުދިންގެ ދަފްތަރެއް އެކުލަވާލައި ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި ހެމަޓޮލޮޖިސްޓުންގެ ޚިދުމަތް ދިނުމަށް ވެސް މި ސަރުކާރުން ނިންމާފައިވާ ކަމަށް އެކަމަނާ ހާމަކުރެއްވިއެވެ.
ތެލެސީމިއާއަކީ އެ ބަލީގެ ސަބަބުން މުޅި އުމުރަށް ގަވާއިދުން ލޭ އެޅުމާއި ސިއްހީ ޚާއްސަ ފަރުވާ ބޭނުންވާ ބައްޔަކަށްވާއިރު، މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް (މެރޯ ބަދަލުކުރުން) އެވެ.
އަދުގެ ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއް ދީގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ފުރިހަމަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ކަނޑައެޅޭ ވަކި އަދަދަކަށް ކުދިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ފަށައި، ބަލި ދެނެގަތުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ހަރުދަނާ ސިޔާސަތުތަކެއް އަންނަނީ ތަންފީޒުކުރަމުންނެވެ.