Ads by Farudhun

ޚަބަރު

ކަސްޓަމްސްގެ މާލީ ކަންކަން މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކަސްޓަމްސްގެ މާލީ ކަންކަން މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކަސްޓަމް އިމާރާތް - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ނޮވެމްބަރު 2026، 11:51

25 ނޮވެމްބަރު 2026، 11:51

މޯލްޑިވްސް ކަސްޓަމްސް ސަރވިސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކޮށް، އެ މަސައްކަތްތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާޙު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެންމެހައި ފައިސާ ބަލައިގަތުމާއި، އެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އަދި ރިޕޯޓުކުރުމުގެ އެންމެހައި ކަންކަން ހިނގަމުންދަނީ ދައުލަތުގެ ފިސްކަލް ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން ކަސްޓަމްސްގެ ގަވާއިދުތައް ހެދުމުގައްޔާއި، ކަމާގުޅޭ އެކި އުސޫލުތަކާއި ސަރކިއުލާތައް ނެރުމުގައި މާލީ ވުޒާރާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ސާފުކޮށް ކަނޑައެޅުންވެސް މި އިސްލާޙުގައި ހިމެނެއެވެ.

ބިލުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ބަޖެޓު މަޖިލީހަށް ހުށަހަޅަންވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ލަފަޔާއެކުގައެވެ. ހަމައެއާއެކު، ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ކަނޑައެޅުމުގެ ގަވާއިދުތައް އެކުލަވާލުމުގައްޔާއި، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީތައް ދެއްކުމުގައި ލުއި ދިނުމާއި އިސްތިސްނާ ކުރުމުގެ އުސޫލުތައް އެކަށައެޅުމުގައި ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދަންޖެހޭނެ ކަމަށް ވަނީ ހިމަނާފައެވެ. އަދި ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާތައް ދެނެގަނެ، އެ ފައިސާ ހޯދުމުގެ ކަންކަމުގައިވެސް މާލީ ވުޒާރާގެ އިރުޝާދު ހޯދަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކަސްޓަމްސްގެ އާމްދަނީއާ ގުޅޭ ކަންކަން މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަކީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، ތަންފީޒީ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެ ވުޒާރާއިން ދެކެއެވެ. ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވެސް އާމްދަނީގެ ސިޔާސަތުތައް އިސްލާޙުކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޤާނޫނަށް މި ބަދަލު ގެނައުން ވަނީ ހިމަނާފައެވެ.

މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާކަން، ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައިވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450