ޚަބަރު
ޞިއްޙީ ދާއިރާގެ 26 މަޝްރޫޢެއް ނިމިއްޖެ، އިތުރު 17 މަޝްރޫޢެއް ފަށަނީ: ވަޒީރު ގީލާ
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ. ފޮޓޯ: މަޖިލިސް
ރާއްޖޭގެ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 26 މަޝްރޫއެއް ނިމި، އަލަށް 17 މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ގީލާ ވިދާޅުވީ، ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް މިހާރު ވެސް 200 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
އޭގެ ތެރެއިން 150 އަށް ވުރެ ގިނަ މަޝްރޫއަކީ މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ކަމަށާއި، މި ބަޖެޓުގެ ދަށުން 5.98 ބިލިއަން ރުފިޔާގެ އިންވެސްޓުމެންޓެއް ސިއްހީ ދާއިރާއަށް ހޭދަކުރުމަށް ފާސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި މަޝްރޫއުތައް ހިނގަމުންދާއިރު މީގެ ތެރޭގައި މިހާރުވެސް ފާހަގަކޮށްލަންޖެހޭ 26 މަޝްރޫއެއްވަނީ ފުރިހަމަ ކުރެވިފައިކަމަށް. 17 މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާއިރުގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި 30 އައު ހޮސްޕިޓަލާއި، 24 ސިއްހީ މަރުކަޒާއި، 4 ޓާޝަރީ ހޮސްޕިޓަލާއި، 90 އަޕްގްރޭޑިން މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ."
ވަޒީރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ފަދަ ފުޅާ އަދި އަގުހުރި މަސައްކަތްތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުން ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށްވާއިރު، ކުރިން މާލެ އައިސްގެން ނޫނީ ނުހެދޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑަޔަލިސިސްގެ ހިދުމަތްތައް މިހާރު އަތޮޅުތެރޭގެ ގިނަ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ. މީގެ އިތުރުން މާލޭގެ 'އޮރެންޖް ހިޔާ' ގައި ހުރި 9 އެނދުގެ މަރުކަޒު 30 އެނދަށް ބަދަލުކޮށް ހިދުމަތް ފުޅާކޮށްފައިވާ ކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މުޅި ސިއްހީ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ވެކްސިން ރައްކާތެރިކަމާއެކު ގުދަންކުރާނެ ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ޓެސްޓުކުރެވޭ ފެންވަރުގެ "ނެޝަނަލް ހެލްތު ލެބޯޓްރީ" އެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.