ޚަބަރު
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވޭނީ އަމަލީ ފިޔަވަޅު އަޅައި ހިތްވަރާއެކު އެންމެން ގުޅިގެން: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވޭނީ އަމަލީ ފިޔަވަޅު އަޅައި ހިތްވަރާއެކު އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ހަރަކާތްތައް ފެށުމުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ސާޖިދާ ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް އެންމެން ގުޅިގެން މިފަދަ އަނިޔާގެ އެއްވެސް އަމަލަކަށް އެއްވެސް މިންވަރަކަށް ފުރުސަތު ނުދިނުން ނުވަތަ ޒީރޯ ޓޮލަރެންސް ބޭނުންވާ ކަމަށާއި މިކަން ހާސިލް ކުރުމަށްޓަކައި އަނިޔާ ލިބޭ ފަރާތްތަކަށް އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އަނިޔާ ލިބޭ ފަރާތްތަކަށް އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާފު ލިބުމުގެ މަގު ހަރުދަނާކުރުމާއި، އަދި އަނިޔާކުރާ ފަރާތްތަކުގެ އިތުރުން ކަމާބެހޭ މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވުމަށްޓަކައި، ވެފައިވާ ވަޢުދުތައް އަމަލީ ސިފައަކަށް ގެނައުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން"
ސާޖިދާ ވިދާޅުވިއެވެ.
އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ބަދަލު ހޯދައިދީ އަނިޔާވެރި އަމަލުތަކަކީ އާދައިގެ ކަންކަމުގެ ގޮތުގައި ނުހެދުމަށް އަނިޔާ ލިބޭ ފަރާތްތަކާމެދު ވަކި ގޮތަކަށް ނުދެކި އެ ފަރާތްތަކުގެ ވާހަކަ އަޑުއަހަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުން ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ އަންހެނުންނާއި އަންހެން ކުދިންނަކީ ހަމަހަމަ ފުރުސަތުތަކާއެކު ބާރުވެރިވެފައިވާ، އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން އެފަދަ މުޖުތަމައެއް ބިނާކުރުމަށް ވެސް ސާޖިދާ ގޮވާލެއްވިއެވެ.
As we begin the 16 Days of Activism against Gender-Based Violence on this International Day for the Elimination of Violence against Women, let us work towards a future where every woman and girl can live free from fear, abuse and discrimination. Ending gender-based violence requires collective action, courage and zero tolerance. To this end, I urge all stakeholders to collaborate and turn commitment into meaningful action to ensure survivor-centred support, strengthen access to justice, and hold perpetrators as well as institutions accountable. For us to provide restitution and refuse to normalize abusive behaviour, we must listen to every survivor without passing judgment and ensure they have access to the care and support they need. Together, let’s build a society where women and girls are empowered to be equals and live a happy and dignified life. #ForAllWomenAndGirls #NoExcuse #16Days
— First Lady Sajidha Mohamed (@sajidhaamohamed) November 25, 2026
ކޮންމެ އަހަރެއްގެ ނޮވެންބަރު 25 ވަނަ ދުވަސް ފާހަގަ ކުރަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޝިއާރަކީ "އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެކަތިގަނޑަކަށްވަމާ: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރިކޮށް، ކުށްވެރިންނަށް އަދަބު ދިނުން ކަށަވަރުކުރަމާ" މިއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ހަރަކާތްތަކަކީ ކޮންމެ އަހަރެއްގެ ބައިނަލްއަގްވާވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުން ފެށިގެން ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ ކެމްޕެއިން ހަރަކާތެކެވެ.