Ads by Farudhun

ޚަބަރު

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ޑިސެމްބަރު 15 އަށް ދަންމާލަން ނިންމައިފި

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ޑިސެމްބަރު 15 އަށް ދަންމާލަން ނިންމައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ނޮވެމްބަރު 2026، 12:45

25 ނޮވެމްބަރު 2026، 12:45

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން، ހިނގަމުންދާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އަހަރުގެ ފަހު ދައުރުގެ މުއްދަތަކީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، މި ދައުރުގައި ނިންމަން ކަނޑައެޅިފައިވާ މުހިންމު ގިނަ ކަންތައްތަކެއްގެ މަސައްކަތް އަދިވެސް ނުނިމި ހުރުމުގެ ސަބަބުން، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ދައުރު އަންނަ މަހުގެ 15 އަށް ދަންމާލުމާ މެދު މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި މެންބަރުންގެ މެދުގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވިއެވެ.

މިއަހަރުގެ ތެރޭގައި މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން މި އަހަރު ހިނގައިދިޔަ ފުރަތަމަ ދައުރާއި ދެވަނަ ދައުރުވެސް ވަނީ މުހިންމު މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މެއި މަހުގެ 16 ގައި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި އެ ދައުރު މެއި 31 ގެ ނިޔަލަށް ދަންމާލިއެވެ. އެ މުއްދަތުގައި މުހިންމު 10 ބިލެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނުއިރު، ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަކަށް ނުގޮސް ޖޫން މަހުގެ 1 ވަނަ ދުވަހު ވަނީ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައެވެ. އަދި ދެވަނަ ދައުރުގެ މުއްދަތުވެސް އިތުރުކުރުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ދައުލަތާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ގާނޫނީ މަސައްކަތްތަކާއި އެޖެންޑާގައި ހުރި ކަންކަން ފަސްނުކޮށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ނިންމުމުގެ ބޭނުމުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450