ޚަބަރު
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 8 ވަނަ އެންއެސްއޭ ބައްދަލުވުން ރާއްޖޭގައި ފަށައިފި
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 8 ވަނަ އެންއެސްއޭ ބައްދަލުވުން. ފޮޓޯ: ޕީއެސްއެމް ނިއުސް
އިންޑިއާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ޓަކައި ބާއްވާ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް (އެންއެސްއޭ) ގެ ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.
ކުރިއަށްދާ މި ބައްދަލުވުމުގައި މި ކޮންކްލޭވްގައި ހިމެނޭ މެންބަރު 6 ޤައުމު ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ސަރަޙައްދަށް ކުރިމަތިވަމުން އަންނަ އައު ސަލާމަތީ ގޮންޖެހުންތަކާ މެދު ޚިޔާލު ބަދަލުކުރުމަށާއި، މިހާރު ކުރިއަށްދާ އެއްބާރުލުންތައް މުރާޖަޢާކޮށް، ގުޅިގެން ފިޔަވަޅުތައް އެޅުމަށް ބައިވެރިވާ ޤައުމުތަކަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.
މި ފަހަރުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މުހިންމު ދާއިރާތަކަށެވެ. އޭގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ޤަވާއިދާ ޚިލާފު ވިޔަފާރިތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ރޭވިފައިވާ ކުށްތައް ހުއްޓުވުން ހިމެނެއެވެ. މީގެ އިތުރުން ސައިބާ ސެކިއުރިޓީއާއި މުހިންމު ޢުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން، އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމަށް ދޭ އެހީތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ މަންދޫބުންގެ ތެރޭގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލް ހިމެނިވަޑައިގަންނަވައެވެ. ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮވެމްބަރު 24 ވަނަ ދުވަހު ދޯވަލް ވަނީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވިދާނެ ގޮތްތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ސަރަޙައްދީ ސަލާމަތީ އިއްތިޙާދެއްގެ ގޮތުގައި 2020 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ. ފަހުން މި ޖަމާޢަތުގެ ދައުރު ފުޅާވެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސް ވެސް ވަނީ މެންބަރު ޤައުމުތަކުގެ ގޮތުގައި ގުޅިފައެވެ. ރާއްޖޭގައި މި ފެށުނު 8 ވަނަ އެންއެސްއޭ ބައްދަލުވުން ކުރިއަށްދަނީ، 2025 ނޮވެމްބަރު 20 ގައި ނިއުދިއްލީގައި ބޭއްވުނު 7 ވަނަ އެންއެސްއޭ ފެންވަރުގެ ބައްދަލުވުމުގައި 2025–2026 ގެ ރޯޑްމެޕްގެ ދަށުން ހޯދިފައިވާ ކުރިއެރުންތައް މުރާޖަޢާކުރުމަށް ފަހުގައެވެ.