Ads by Farudhun

ޚަބަރު

އަންހެނުންނާއި ކުދި ވިޔަފާރިތަކަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ސަރުކާރުން ހަމަޖައްސައިދީފި

އަންހެނުންނާއި ކުދި ވިޔަފާރިތަކަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ސަރުކާރުން ހަމަޖައްސައިދީފި

އުފެއްދުންތެރިކަމުގެ މައުރަޒު - ފޯޓޯ: އިކޮނޮމިކް މިނސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ނޮވެމްބަރު 2026، 01:26

25 ނޮވެމްބަރު 2026، 01:26

ރާއްޖޭގެ އިގުތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށާއި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ސިޔާސަތުގެ ދަށުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި 47 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީތެރިކަން ހަމަޖައްސައިދީފިއެވެ.

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އިން ފެށިގެން 2026 ވަނަ އަހަރުގެ ނިޔަލަށް މި ފައިނޭންސިން ދޫކޮށްފައިވަނީ އާންމު ބޭންކުތަކުން ލޯނު ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދެނީ އެއްވެސް ފަރާތެއް ބާކީނުކޮށް، ގައުމުގެ އިގުތިސާދުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށެވެ.



މި އެހީތެރިކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ "ފަށާ މަދަދު" ސްކީމަށެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކީމުގެ ދަށުން މިހާތަނަށް 110 އަށް ވުރެ ގިނަ ފަރާތަކަށް ޖުމްލަ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ވިޔަފާރި ފަށައިގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގުރާމަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު އެންމެ 6 އިންސައްތައިގެ ކުޑަ ރޭޓެއްގައި 500،000 ރުފިޔާއާ ހަމައަށް ފައިސާ ފޯރުކޮށްދޭ ލުއި ސްކީމެކެވެ.

މީގެ އިތުރުން، އަންހެނުން ވިޔަފާރީގެ މައިދާނަށް ނެރެ ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ "ވިމެން އެންޓްރަޕްރިނިއާ ފައިނޭންސިން" ޕްރޮގުރާމުން ވެސް ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. އެގޮތުން 80 އަށް ވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ބައްޓަންކޮށްފައިވާ މި އެހީގެ ދަށުން، ރަހުނަކާ ނުލައި ކޮންމެ ފަރާތަކަށް 250،000 ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖެހެއެވެ.

ހަމައެހެންމެ، "މޯލްޑިވްސް އިސްލާމިކް އެސްއެމްއީ ފައިނޭންސިން އިނީޝިއޭޓިވް" (މިސްފީ) ގެ ދަށުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނަނީ ދިގުމުއްދަތުގެ ބޮޑެތި ލުއިތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސްކީމުގައި ރަހުނަކާ ނުލައި، އަހަރަކު 2.5 އިންސައްތައިގެ އިންތިހާއަށް ކުޑަ ރޭޓުގައި 100،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެއެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާއިރު، ވިޔަފާރި ހަމައަކަށް އެޅުވުމަށްޓަކައި ފުރަތަމަ 12 މަސްދުވަހު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ (ގްރޭސް ޕީރިއަޑް) ލުއި ދުވަސްތަކެއް ވެސް ލިބެއެވެ.

ވިޔަފާރިވެރިންނަށް މި ހުރިހާ ހިދުމަތްތަކަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ "އެސްއެމްއީ ޑިޖިޓަލް" ޕްލެޓްފޯމު މެދުވެރިކޮށެވެ. މީގެ މައިގަނޑު ބޭނުމަކީ ބޭންކުތަކުގެ އުނދަގޫ ޝަރުތުތަކުގެ ސަބަބުން އިގުތިސާދީ ގޮތުން ހަވާސާވެފައިވާ ފަރާތްތަކަށާއި އަންހެނުންނަށް، ރަސްމީ ބޭންކިން ނިޒާމުން ބޭރުން އިތުބާރާއެކު ލުއިގޮތެއްގައި މާލީ އެހީތެރިކަން ހޯދުމުގެ ދޮރު ފަހިކޮށްދިނުމެވެ.

އިގުތިސާދީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ މި އަމާޒަކީ ދިވެހި ޒުވާނުންނާއި އަންހެނުން އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމީ އުފެއްދުންތެރިކަމާއި އިގުތިސާދީ ހަޔާތުގައި އަމަލީ ގޮތުން ހިއްސާވާ މިންވަރު މިހާރަށްވުރެ ބޮޑަށް އިތުރުކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450