ޚަބަރު
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައިފި
ހުޅުމާލެ ކޯޓް - ފޮޓޯ: އަވަސް
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނާނެ ނަމަވެސް، މުޅި މާލެ ސަރަހައްދުގައި ހުންނާނީ ސުޕީރިއާ ހަތަރު ކޯޓެވެ. އެއީ ކްރިމިނަލް ކޯޓު، ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓެވެ.
ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޤާނޫނު ފާސްވެ ތަސްދީޤުކުރާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ ކޯޓު އުވާލަން ޖެހޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތާއި، މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށަށް ބަދަލުކޮށް ވަޒީފާގެ އެންމެހައި ކަންކަން ހަމަޖެއްސުމަށްވެސް ވަނީ ލާޒިމުކޮށްފައެވެ.
ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމުކުރުމާ ގުޅިގެން މީގެ ކުރިން ވެސް ޤާނޫނީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އިދާރީ ގޮތުން މާލޭގެ ބައެއްގެ ގޮތުގައި ހުޅުމާލެ އޮންނައިރު، އަދި ވެރިރަށުގައި ސުޕީރިއާ ކޯޓުތައް ހިންގަމުން ދަނިކޮށް 2012 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓު އުފެއްދުމުން ސުވާލުތައް އަމާޒުވިއެވެ. ހާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކާ ގުޅިގެން އެ ކޯޓުގެ ސައްހަކަމާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމި ނަމަވެސް، މާލޭގެ ސުޕީރިއާ ކޯޓުތަކާއި އެ ކޯޓުގެ އިހުތިސާސް ފުށުއެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ.
މީގެ އިތުރުން، ބޮޑެތި ޖިނާއީ އަދި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓް ކޯޓުތަކަށް ނޯންނާތީ، ހުޅުމާލޭގައި ހިނގާ ބޮޑެތި މައްސަލަތައް އަދިވެސް ހުށަހަޅަން ޖެހެނީ މާލޭގެ ކޯޓުތަކަށެވެ. އަދި މިހާރު ވެސް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލުކޮށްފައިވާއިރު، ހުރިހާ ސުޕީރިއާ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ހުޅުމާލޭގައި އިމާރާތްކުރާ އާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ޝަރުއީ ދާއިރާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، މާލޭގެ ކޯޓުތަކުގެ ސެކްޝަންތައް ނުވަތަ ޑިވިޒަންތައް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ވަނީ ކޯޓުތަކާ ބެހޭ ޤާނޫނަށް ޖުމްލަ 11 އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 15 އަށް އިތުރުކުރުން ވެސް ހިމެނެއެވެ.