Ads by Farudhun

ޚަބަރު

ޖޭއެސްސީގެ ދަށުން ޑީޖޭއޭ ވަކިކޮށް، ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ޖޭއެސްސީގެ ދަށުން ޑީޖޭއޭ ވަކިކޮށް، ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ޖުޑީޝަރީ - ފޮޓޯ: ޖުޑީޝަރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ނޮވެމްބަރު 2026، 01:42

25 ނޮވެމްބަރު 2026، 01:42

ދިވެހިރާއްޖޭގެ ކޯޓުތަކުގެ އެންމެހައި އިދާރީ ކަންކަން ބަލަހައްޓަމުން އަންނަ މައި އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބެލުމުގެ ދަށުން ވަކިކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ ޝަރުއީ ދާއިރާގެ އިދާރީ މިނިވަންކަން މިހާރަށްވުރެ ހަރުދަނާކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ. މި ބިލު މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމާއެކު، ޖޭއެސްސީގެ ދަށުން ޑީޖޭއޭ ހިންގުމަށް އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތައް އުވިގެންދާނެއެވެ.

ހުށަހެޅިފައިވާ މި އިސްލާހުގައިވާ ގޮތުން، ޑީޖޭއޭގެ ހިންގުން ދެން ބަދަލުވެގެންދާނީ ސީދާ ޖުޑީޝަލް ކައުންސިލްގެ ބެލުމުގެ ދަށަށެވެ. އަދި އެ އިދާރާ ހަރަކާތްތެރިވާނީ އެ ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރާ ސެކްރެޓޭރިއެޓެއްގެ ގޮތުގައެވެ.

މީގެއިތުރުން، ޝަރުއީ ކޯޓުތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ އިދާރީ އޮނިގަނޑު ހަމަޖެއްސުމުގެ އިތުރުން ޖުޑީޝަލް ކައުންސިލުން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނުތައް ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާނީ ޑީޖޭއޭއިންނެވެ. ހަމައެއާއެކު، އަދުލު އިންސާފުގެ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކުރުމާއި، ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓު އެކުލަވާލައި މާލީ ކަންކަން ބެލެހެއްޓުން ވެސް އެ އިދާރާއާ ހަވާލުކުރެވޭނެއެވެ. އަދި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ތަމްރީނުކުރުމަށް އުފައްދާފައިވާ ޖުޑީޝަލް އެކެޑަމީ ހިންގުން ވެސް ޑީޖޭއޭގެ ދަށަށް ގެނައުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހުގެ ދަށުން، ޑީޖޭއޭގެ އެންމެ އިސްވެރިޔާ ކަމުގައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކުރުމާއި ވަކިކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދާނީ ޖުޑީޝަލް ކައުންސިލަށެވެ. އަދި އޭނާގެ މަސައްކަތްތަކާ ގުޅިގެން ސީދާ ޖަވާބުދާރީވާން ޖެހޭނީ ވެސް އެ ކައުންސިލަށެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު، އިތުރު ފަސް އަހަރުގެ އެއް ދައުރަށް އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ވެސް ކައުންސިލަށް ލިބިގެންވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450