ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރު އައްޔަންކުރުމަށް ފާސްކޮށްފި
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީއެވެ. މި މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. މި މަގާމަށް ސަމީރު އައްޔަނުކުރުމަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން އެ ލަފާއާ އެއްގޮތަށް ސަމީރުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވީ މި މަހުގެ 18 ވަނަ ދުވަހުގައެވެ.
ސަމީރު އެ މަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކުގައެވެ.
ސަމީރު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ސަމީރު ކުރައްވާފައިވާއިރު އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރައްވާފައިވެއެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވިއެވެ.