ދުނިޔެ
އޭބީސީ ނިއުސްއިން ޓްރަމްޕަށް 15 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަބުރާބެހުމުގެ މައްސަލައެއްގައި އޭބީސީ ނިއުސްއިން 15 މިލިއަން ޑޮލަރު (12 މިލިއަން ޕައުންޑް) ދޭން އެއްބަސްވެއްޖެއެވެ. މިއީ އޭބީސީ ނިއުސްގެ މަޝްހޫރު އެންކަރ ޖޯޖް ސްޓެފަނޮޕޮލޮސް، ޓްރަމްޕް "ރޭޕްގެ ކުށް ސާބިތުވެފައިވާ" ކަމަށް ދޮގު މަޢުލޫމާތު ފަތުރާފައިވާތީ ހުށަހެޅުނު މައްސަލައެކެވެ.
މި އަހަރުގެ މާރިޗު 10 ވަނަ ދުވަހު ކޮންގްރެސް މެންބަރަކާ ކުރި އިންޓަވިއުއެއްގައި ސްޓެފަނޮޕޮލޮސް މި ދޮގު މަޢުލޫމާތު ތަކުރާރުކޮށް ދީފައިވެއެވެ. ނަމަވެސް، ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވަނީ ނިއު ޔޯކް ޤާނޫނުގެ ދަށުން "ޖިންސީ ގޯނާ" ކުރިކަމެވެ.
ފޮކްސް ނިއުސް ޑިޖިޓަލްއިން ފުރަތަމަ ރިޕޯޓުކުރި މި މައްސަލައިގެ އެއްބަސްވުމުގެ ދަށުން، އޭބީސީ ނިއުސްއިން ސްޓެފަނޮޕޮލޮސްގެ ބަޔާންތަކަށް "ހިތާމަކުރާ" ކަމަށް ބުނެ ބަޔާނެއް ނެރެން ޖެހޭނެއެވެ. އަދި 15 މިލިއަން ޑޮލަރު ޓްރަމްޕްގެ ރިޔާސީ ފައުންޑޭޝަނަކަށް ނުވަތަ މިއުޒިއަމަކަށް ހަދިޔާގެ ގޮތުގައި ދޭން ޖެހޭނެއެވެ. މީގެ އިތުރުން، ޓްރަމްޕްގެ ޤާނޫނީ ފީގެ ގޮތުގައި 1 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވެއެވެ.
އޭބީސީ ނިއުސްގެ ތަރުޖަމާނެއް ބުނީ މި މައްސަލަ ނިންމުމަށް ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ އުފާވާ ކަމަށެވެ. މި މައްސަލައިގައި ޓްރަމްޕް ވަނީ އެހެން ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ މައްޗަށްވެސް ދަޢުވާ އުފުލާފައެވެ.