ޚަބަރު
ވަރަ އެކްސްޕޯ 2026: ސަޢޫދީ އެމްބަސީގެ ޚާއްޞަ ސްޓޯލެއް
ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ--
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމަށް ބާއްވާ "ވަރަ އެކްސްޕޯ 2026" މިއަދު ފަށާއިރު، ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ ރޯޔަލް އެމްބަސީން މި އެކްސްޕޯގައި ޚާއްޞަ ސްޓޯލަކާއެކު ބައިވެރިވާކަން އިޢުލާނުކޮށްފިއެވެ.
މި އެކްސްޕޯގެ ތެރެއިން، ސަޢޫދީ ވިޝަން 2030 ގެ ދަށުން އެ ޤައުމުން ހޯދަމުން އަންނަ ތައުލީމީ ކާމިޔާބީތަކާއި، ތަޢުލީމީ ގޮތުން އެ ގައުމުން ލިބެންހުރި ގިނަ ފުރުޞަތުތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ އެމްބަސީން ހާމަކުރި ގޮތުގައި އެކްސްޕޯގެ އެޑިއުކޭޝަން ޒޯންގެ E14 ނަންބަރު ބޫތުގައި ހުންނަ އެމްބަސީގެ ސްޓޯލުން، "ސްޓަޑީ އިން ސަޢޫދީ"ގެ އިސްނެގުމުގެ ދަށުން އެ ޤައުމުގެ ޔުނިވަރސިޓީތަކުން ލިބެންހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި، ތައުލީމީ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ސަޢޫދީ ޔުނިވަރސިޓީތަކުގެ އެޑްމިޝަން ހޯދުމާއި ބެހޭ އެންމެހައި މަޢުލޫމާތު ވެސް މި ސްޓޯލުން ލިބެން ހުންނާނެއެވެ.
ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވަނީ، ސަޢޫދީން ލިބެންހުރި ތަޢުލީމީ ފުރުޞަތުތަކާއި އެ ޤައުމުން ރާއްޖޭގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހޯދުމަށް އެމްބަސީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް ދަރިވަރުންނާއި ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ.
މި އެކްސްޕޯގައި ސަޢޫދީ އެމްބަސީން ބައިވެރިވުމަކީ ތަޢުލީމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަޢޫދީން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްބަސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދާނީ މި ހިނގާ ނޮވެންބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.