ޚަބަރު
150 މެގަވޮޓްގެ ސޯލާ ޕީވީ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީ.ވީ އާއި ބެޓެރި އެނަރޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމެންޓް (ޕީ.ޕީ.އޭ) އުސޫލުން ޤާއިމުކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާއިރު، ތެލަށް ކުރާ ހޭދަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައަށް އަރައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާރޓީސް (COP28) ގައި، މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ވަޢުދުވެވަޑައިގެންފައެވެ.
ސަރުކާރުން މިހާރު އަންނަނީ މި އަމާޒަށް ވާސިލުވުމަށް ޓަކައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫޢުތަކެއް ތަންފީޛުކުރުމަށް ރާވަމުންނެވެ. އެގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ޤާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ޙާޞިލުކުރެވިގެންދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
A Framework Agreement has been signed between the Ministry of Climate Change, Environment and Energy and Guosheng Energy Company Ltd. to develop up to 150 MWp of solar PV hybrid systems with battery energy storage across islands under a Power Purchase Agreement. This is a major step toward scaling renewables and reaching our goal of 33% renewable electricity by 2028. @STELCOMALDIVES
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 25, 2026
މީގެ އިތުރުން، މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި، ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މިއާއެކު، ޤައުމީ ތަރައްޤީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުޞަތު ސަރުކާރަށް ފަހިވެގެންދާނެއެވެ. ތިމާވެށީގެ ގޮތުން ބަލާއިރު، މި މަޝްރޫޢުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް (tCO2) މަދުކުރެވިގެންދާނެ ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.