Ads by Farudhun

ޚަބަރު

150 މެގަވޮޓްގެ ސޯލާ މަޝްރޫޢަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢަށް ވާނެ: ވަޒީރު ޝަރީފް

150 މެގަވޮޓްގެ ސޯލާ މަޝްރޫޢަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢަށް ވާނެ: ވަޒީރު ޝަރީފް

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ނޮވެމްބަރު 2026، 08:10

26 ނޮވެމްބަރު 2026، 08:10

ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ އެކު ސޮއިކުރެވުނު ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ޤާއިމުކުރާ 150 މެގަވޮޓްގެ ސޯލާ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ އެންމެ ބޮޑު މަޝްރޫޢަށް ވެގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި ސްޓެލްކޯ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ 2023 ވަނަ އަހަރު ޔޫއޭއީގައި ބޭއްވުނު ކޮޕް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. 

މި ސަރުކާރު ހަވާލުވިއިރު އިއާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 56 މެގަވޮޓުގައި ހުރި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ އަދަދު މިހާރު 136 މެގަވޮޓަށް އިތުރުކުރެވިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހީވަނީ މިހާތަނަށް މި ކުރެވޭނެ އެންމެ ބޮޑު މަސައްކަތަށް ވާނެހެން. 150 މެގަވޮޓް މީގެ ތެރެއިން އިންސްޓޯލް ކުރުން އަޅުގަނޑުމެންގެ އަމާޒަކީ." 

މަޝްރޫއާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި 150 މެގަވޮޓްގެ ސޯލާ ޤާއިމުކުރެވިގެންދާނީ އެއް ސަރަޙައްދެއްގައި ނޫން ކަމަށެވެ. ރާއްޖޭގެ އެއް ތަނެއްގައި މިވަރުގެ ބޮޑު ނިޒާމެއް ޤާއިމުކުރުމަކީ ފަސޭހަކަމަކަށް ނުވާތީއާއި، އެކި ރަށްރަށަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި، މި މަޝްރޫޢު ކުރިއަށްދާނީ ޖާގަ ލިބޭ މިންވަރަކުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ސޯލާ ނިޒާމުތަކުގެ ތެރޭގައި ޢިމާރާތްތަކުގެ ފުރާޅުގައި ހަރުކުރެވޭ ރޫފްޓޮޕް ސޯލާގެ އިތުރުން ފެނުމަތީގައި އަޅާ ފްލޯޓިންގ ސޯލާ ވެސް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީ.ވީ އާއި ބެޓެރި އެނަރޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމެންޓް (ޕީ.ޕީ.އޭ) އުސޫލުން ޤާއިމުކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ.

މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި، ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.  މިއާއެކު، ޤައުމީ ތަރައްޤީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުޞަތު ސަރުކާރަށް ފަހިވެގެންދާނެއެވެ. ތިމާވެށީގެ ގޮތުން ބަލާއިރު، މި މަޝްރޫޢުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް (tCO2) މަދުކުރެވިގެންދާނެ ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450