ޚަބަރު
ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަނެކާގެ ރައްކާތެރިކަން އިސްކުރަންޖެހޭ: ވަޒީރު ޤީލާ
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ. ފޮޓޯ: ޕީއެސްއެމް ނިއުސް
ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ކޮންމެ މީހަކު ވެސް އަނެކާގެ ރައްކާތެރިކަމާއި ކަރާމާތް އިސްކުރަންޖެހޭ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅުވައިގެން ބޭއްވި "16 ޑޭޒް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވައަލެންސް" ހަރަކާތްތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޤީލާ ވިދާޅުވީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ އެކި ބާވަތުގެ މައްސަލަތަކަކީ އައު ކަމެއް ނޫން ނަމަވެސް، ޓެކްނޮލޮޖީގެ ޒަރިއްޔާއިން މިފަދަ އަނިޔާތައް އިތުރުވަމުންދިއުމަކީ މިއަދު ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ވާރޗުއަލް ދުނިޔެއާއި އޭގެ ނަތީޖާތަކަކީ ހަޤީޤަތެއްކަން ފާހަގަކުރައްވައި، އޮންލައިންކޮށް އަދި އޮފްލައިންކޮށް ވިޔަސް އެއްވެސް މާޙައުލަކީ އަނިޔާއަށް ޖާގަދޭ ތަނަކަށް ނުވާނެކަން ކަށަވަރުކުރުމަށް ގައުމީ އަދި ފަރުދީ ފެންވަރުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މީހުން. މި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެން އަނެކާގެ ރައްކާތެރިކަމާ ކަރާމާތް އިސްކުރަންޖެހޭ. ތިމާއަށް މީގެން ގެއްލުންވާނެ ފަދައިން އަނެކާއަށްވެސް މީގެން ވާ ގެއްލުމާ މެދު ވިސްނާ ފިކުރުކޮށް މިކަން ހުއްޓުވުމަށް ޒިންމާދާރު ކަމާއެކު ވަސީލަތްތައް ބޭނުންކުރަންޖެހޭ."
ވަޒީރު ޤީލާ ވިދާޅުވިއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ޒުވާނުންނަށް ޢަމާޒުކޮށް "އެކުއެކީ" ޕްރޮގްރާމް ފަރުމާކުރުމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ޔޫއެންޑީޕީގެ އެއިމްސް ޕްރޮޖެކްޓުގެ ދަށުން، ޑީޖޭއޭއާއި އެފްޕީއޭ ގުޅިގެން ޖަޖުންނާއި މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ މަޢުލޫމާތު މީޑިއާތަކުން ރިޕޯޓުކުރުމުގެ ގައިޑްލައިނެއް އެކުލަވާލައި ތަމްރީނު ދީފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޔޫއެންއެފްޕީއޭއާ ގުޅިގެން "ދަ ވާރޗުއަލް އިޒް ރިއަލް"ގެ ނަމުގައި ޚާއްޞަ ޕްލެޓްފޯމަކާއި، ޖީބީވީ ޗެޓްބޮޓް "ރާޙް" އަދި ކޮމިޓްމަންޓް މެޕެއް ވަނީ އިފްތިތާޙުކޮށްފައެވެ. މި ޗެޓްބޮޓުގެ ސަބަބުން އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ޤައުމީ އުޞޫލުތަކާއި އިރުޝާދުތައް ލިބުން ހަރުދަނާވެ، އަނިޔާ ލިބޭ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ 16 ދުވަހުގެ ކެމްޕޭނާ ގުޅުވައިގެން، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށްވެސް ޢިއްޒަތާއި ކަރާމާތާއެކު އަނިޔާވެރިކަމުން ރައްކާތެރިވެ އުޅުމުގެ ޙައްޤު ލިބިގެންވާކަން ވަޒީރު ޤީލާ ޢަލީ ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި މި ފެށޭ 16 ދުވަހުގެ ޙަރަކާތްތަކާއެކު އެންމެން އެއްބަސްވާ މެސެޖެއްގެ ގޮތުގައި މިކަން ކުރިއަށް ނެރުމަށް ގޮވާލައްވަމުން، މި ޙައްޤު ޙިމާޔަތްކުރުމަކީ ވަކި މުއައްސަސާއެއްގެ ނުވަތަ އިދާރާއެއްގެ އެކަނި ޒިންމާއެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢާއި ކޮންމެ ފަރުދެއްގެވެސް ޙިއްޞާއާއި އެއްބާރުލުން އޮތް ޤައުމީ ވާޖިބެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 25 އިން ޑިސެންބަރު 10 ގެ ނިޔަލަށް ކުރިއަށްގެންދާ "16 ޑޭޒް އޮފް އެކްޓިވިޒަމް" ކެމްޕޭނަކީ އަނިޔާއާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އަޑުއުފުލުމުގެ ހިތްވަރު ދިނުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، މަޝްވަރާ ބައްދަލުވުންތަކުގެ އިތުރުން ސޯޝަލް މީޑިއާ ކެމްޕޭންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.