ޚަބަރު
ހަތަރު ބައި-އިލެކްޝަނެއް މި މަހުގެ 28 ގައި ބާއްވަނީ
ވޯޓު ގުނަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ހަތަރު ބައި-އިލެކްޝަނެއް މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ މި އިންތިޚާބުތަކަށް ވާންޖެހޭ އެންމެ ފަހުގެ އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތްތަކެވެ. މި އިންތިޚާބުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ.
ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓެކެވެ.
ޑަބްލިއުޑީސީ ބައި-އިލެކްޝަންތަކަށް ބަލާއިރު، ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި ހުޅުދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާއިރު، ތިނަދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ކުރިމަތިލާފައި ވަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.
މި ބައި-އިލެކްޝަންތަކުގައި ޖުމްލަ 10 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަތޮޅުތެރޭގައި ބަހައްޓާ 5 ފޮށްޓާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހައްޓާ 5 ފޮށްޓެވެ. އަތޮޅުތެރޭގެ ވޯޓުލާ މަރުކަޒުތައް ވަށަފަރާއި ތިނަދޫގެ ސްކޫލުގައި ޤާއިމުކުރާއިރު، ހުޅުދޫގައި ބަހައްޓާ 3 ފޮށި ހުންނާނީ އެ ރަށު ކޮމިއުނިޓީ ސެންޓަރުގައެވެ. މާލެ ސަރަޙައްދުގައި ވޯޓުލުން ކުރިއަށްދާނީ ޖަމާލުއްދީން ސްކޫލުގައި ޤާއިމުކުރާ 4 މަރުކަޒަކާއި ހުޅުމާލެ ފޭސް 1 ގެ ސީއެޗްއެސްއީ ހޯލުގައި ބަހައްޓާ މަރުކަޒެއްގައެވެ.
ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ޢަމަލީ ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާއިރު، މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ޙަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ. މި ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ވަނީ އޮންލައިންކޮށް ފޯރުކޮށްދީފައެވެ.
މި ބައި-އިލެކްޝަނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތްނަމަ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް [email protected] އަށް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފޯމު ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.