ޚަބަރު
ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ކާރު ޕާކުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރު 3 ގެ ބީ-ބްލޮކް ކައިރީގައެވެ. މި ކާރުގައި އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ރޭ 02:17 ހާއިރު ލިބުނު ކަމަށާއި، ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 02:39 ހާއިރު ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
ރޭ ދަންވަރު ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިއަދު ހެނދުނު ހޭންޑްބޯލް އޮފީސް އިމާރާތުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.