ޚަބަރު
ލ. ހިތަދޫ އައުޓްޑޯ ވޮލީ ކޯޓުގައި ޓާފް އެޅުމާއި މާކިންގގެ މަސައްކަތް ފަށައިފި
ހިތަދޫ އައުޓްޑޯ ވޮލީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ލ. ހިތަދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީބޯޅަ ކޯޓުގައި ސިންތެޓިކް ޓާފް އެޅުމާއި، ކޯޓުގެ ކުރެހުމާ އެއްގޮތަށް ލައިން މާކުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު ކުރިއަށްދަނީ ކޯޓުގެ ކުރެހުމާ އެއްގޮތަށް ފާހަގަކުރުމާއި ޓާފް އެޅުމުގެ މަސައްކަތްތަކެވެ. މިއީ ކޯޓުގެ ސާފޭސް މަސައްކަތްތައް ފުރިހަމަކޮށް، ދާ ޖަހާ ޕޯސްޓުތަކާއި، ވަށައިގެން ޖަހާ ފެންސާއި، ލައިޓިންގ ހަރުކުރުމުގެ ކުރިން ކުރިއަށްގެންދާ ފަހުގެ މަރުޙަލާގެ މަސައްކަތްތަކެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 20 އޮކްޓޫބަރު 2025 ގައެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށާއި ސްކޫލް ދަރިވަރުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫޢެކެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި ވޮލީ ކޯޓުތައް އަދި ފިޓްނަސް ސެންޓަރުތައް އެޅުމަށް އެމްޓީސީސީއާ ގިނަ މަޝްރޫޢުތަކެއް ވަނީ ޙަވާލުކުރެވިފައެވެ.