ޚަބަރު
މީސްމީޑިއާގައި ދައުރުވަނީ އެއާޕޯޓުގެ ސެކިއުރިޓީ ފަރިތަކުރުމެއްގެ މަންޒަރުތަކެއް: އެމްއޭސީއެލް
އެމްއޭސީއެލްއާ ގުޅޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް. ފޮޓޯ: އެމްއޭސީއެލް
މީސްމީޑިއާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަމާޒުކޮށް ދައުރުކުރަމުންދާ ވީޑިއޯއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ ތެރެއިން ހިންގި ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ 25 ނޮވެމްބަރު 2026 ވީ ބުދަ ދުވަހުގެ ރޭ އެއާޕޯޓުގައި ބޭއްވި ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކެއްގެ މަންޒަރުތައް ކަމަށެވެ.
އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި އެމްއޭސީއެލްގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މީގެއިތުރުން، ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ނުފެތުރުމަށާއި، އެ ކުންފުނީގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.