ޚަބަރު
ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ފެށުން/ ފޮޓޯ: ޕީއެސްއެމް
9 އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ މަސައްކަތް މިއަދު އަނެއްކާވެސް ފަށައިފިއެވެ.
މި މަސައްކަތް އަލުން ފަށާފައިވަނީ އެކަމަށް ހާއްސަކޮށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް އަލުން ފައްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑު ކަމަށާއި، މި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ ދަށުން 41،549.7 އަކަމީޓަރުގެ ބޮޑުސަރަހައްދެއް ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާނެ ކަމަށާއި މި ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި، ހިދުމަތްދޭ 30 ވަސީލަތް ހިމެނޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި ޕާކުގައި ހިމެނޭނެ މައިގަނޑު ވަސީލަތްތަކަކީ:
- އެ ތަނުގައި 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއެއް
- ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑް'،
- 290 މީޓަރުގެ ދިގު 'ލޭޒީ ރިވަރ'
- 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް'،
- 900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް'
- 'ވޯޓަރ ހައުސް'
އޭގެ އިތުރުން މި ޕާކުގައި ކުޑަކުދިންނަށް ހާއްސަ ވަސީލަތްތައްވެސް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން، ކިޑްސް ބޫމަރޭންގް ސްލައިޑް'، 'ޓޮޑްލަރ ޕޫލް'، 'ކިޑްސް ސްލައިޑްސް' އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް'އަކާއި، މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓަރ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް'، އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ތަރައްގީކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި 5 ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި، ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ޚާއްޞަ ތަންތަނުގެ އިތުރަށް، މަލްޓިމީޑިއާ ޒޯން އަދި ޕާކިންގ ޖާގަތައް ވެސް ހިމެނޭ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން މި ޕާކާއި ގުޅިގެން ތަރައްގީކުރާ ވޯކޯ ރިސޯޓް ހޮޓެލްގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ. މީގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނޭ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ. އަދި އެ ރިސޯޓް ހޮޓެލްގައި 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައާއި، ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި، 3,550 އަކަމީޓަރުގެ 6 ފަންގިފިލާ އާއި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.