Ads by Farudhun

ޚަބަރު

ކޭޕާކް އެޕާޓްމަންޓް ލަސްވި މައްސަލައިގައި 1.06 މިލިއަންގެ ބަދަލެއް ދޭން ހުކުމްކޮށްފި

ކޭޕާކް އެޕާޓްމަންޓް ލަސްވި މައްސަލައިގައި 1.06 މިލިއަންގެ ބަދަލެއް ދޭން ހުކުމްކޮށްފި

ކޭޕާކް ރެސިޑެންސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2026، 01:00

26 ނޮވެމްބަރު 2026، 01:00

ހުޅުމާލޭގައި ތަރައްގީކުރާ "ކޭޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތް މީހަކަށް އެއްބަސްވި މުއްދަތުގައި އެޕާޓްމަންޓް ހަވާލުނުކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1،050،000 (އެއް މިލިއަން ފަންސާސްހާސް) ރުފިޔާއާއެކު ޖުމްލަ 1.06 މިލިއަން ރުފިޔާ ދެއްކުމަށާއި، އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާ ދައްކަމުން ގެންދިއުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަނުން އިއްޔެ މި ހުކުމް އިއްވީ ނ. ހޮޅުދޫ، އޯކިޑްވިލާ، އާމިނަތު ވަދީފާގެ ފަރާތުން ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގައެވެ. މި މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް ހަވާލުކުރުމުންވެސް ކަނޑައެޅި މުއްދަތުގައި އެ ކުންފުނިން ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ، ގާޟީ ޒުލައިޚާ ޝީޒާ މި މައްސަލަ ނިންމެވީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޭޕާކް އިމާރާތުގެ ދެވަނަ ފަންގިފިލާގެ "KP206" އެޕާޓްމަންޓް ގަތުމަށް 12 ޖޫން 2022 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވަދީފާ ވަނީ އެ ކުންފުންޏަށް 1،750،000 (އެއް މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެންމެ ލަސްވެގެން ޑިސެމްބަރު 2022 ގެ ނިޔަލަށް އެޕާޓްމަންޓް ހަވާލުކުރަން ޖެހުނު ނަމަވެސް، އެ މުއްދަތުގައި އެޕާޓްމަންޓް ހަވާލުކޮށްފައެއް ނުވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 13.7 ވަނަ މާއްދާގައިވާ ގޮތުން، އެޕާޓްމަންޓް ހަވާލުކުރުން ލަސްވާ ކޮންމެ މަހަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 2023 ޖަނަވަރީ މަހުން ފެށިގެން މީލާދީ ކޮންމެ މަހަކަށް 25،000 ރުފިޔާ ދައްކަންޖެހެއެވެ. އެގޮތުން 1 ޖަނަވަރީ 2023 އިން ފެށިގެން ދައުވާ ހުށަހެޅުމާ ހަމައަށް ހިނގި 42 މަސްދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1،050،000 ރުފިޔާ އަރާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވަނީ:

  • އެޕާޓްމަންޓަކީ ދެފަރާތުގެ އެއްބަސްވުމާ އެއްގޮތަށް ވަދީފާއާ ހަވާލުކުރަންޖެހޭ ތަނެއް ކަމަށް ކަނޑައެޅުން.
  • މުއްދަތަށް ހަވާލުނުކުރުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ 1،050،000 ރުފިޔާއާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 10،000 ރުފިޔާއާއެކު ޖުމްލަ 1،060،000 (އެއް މިލިއަން ފަސްދޮޅަސްހާސް) ރުފިޔާ 7 ޑިސެމްބަރު 2026 ގެ ނިޔަލަށް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުން.
  • 3 ޖޫން 2026 އިން ފެށިގެން ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރުމާ ހަމައަށް، ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން އޭނާއަށް ދައްކަމުން ގެންދިއުން.

ވަދީފާގެ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000 ރުފިޔާ ހޯދުމަށް އެދުނު ނަމަވެސް، މިއީ އިތުރު އަޑުއެހުންތަކަކަށް ނުގޮސް ޣައިރު ހާޒިރުގައި ނިންމި މައްސަލައަކަށް ވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނީ 10،000 ރުފިޔާއެވެ.

ކޭޕާކް ފްލެޓްތަކުގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލައެވެ. އެ މަޝްރޫއުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ފޯޖު ސޮއި ބޭނުންކޮށްގެން އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި 94 ދައުވާއެއް ސާބިތުވެ، އޭނާ 397 އަހަރަށް ޖަލަށްލުމަށާއި 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ޖައިޝަން ސައީދުގެ މައްޗަށް 86 ދައުވާ ސާބިތުވެ، އޭނާ 159 އަހަރަށް ޖަލަށްލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450