Ads by Farudhun

ޚަބަރު

ފަތުރުވެރިން މޫދު ކުޅިވަރަށް ނެރުމުގެ ކުރިން ފަތަން އެނގޭތޯ ބެލުން ލާޒިމުކޮށްފި

ފަތުރުވެރިން މޫދު ކުޅިވަރަށް ނެރުމުގެ ކުރިން ފަތަން އެނގޭތޯ ބެލުން ލާޒިމުކޮށްފި

މޫދު ކުޅިވަރު ކުޅެނީ - ފޮޓޯ: ގިލިލަންކަންފުށި މޯލްޑިވްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ނޮވެމްބަރު 2026، 03:02

26 ނޮވެމްބަރު 2026، 03:02

ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ ފުރާނައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، މޫދު ކުޅިވަރުތަކަށް ނެރުމުގެ ކުރިން އެމީހުންނަށް ފަތަން އެނގޭ މިންވަރު ޓެސްޓުކުރުން މަޖުބޫރުކުރާ އާ ގަވާއިދެއް މިނިސްޓްރީ އޮފް ޓޫރިޒަމުން މިއަދު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ގެޒެޓްކޮށްފައި އިއުލާން ބައި ބުނެފައިވަނީ މި ފިޔަވަޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ފަތުރުވެރިން ގެނބިގެން ހިތާމަވެރި މަރުގެ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، އެފަދަ ހާދިސާތައް ހުއްޓުވައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމުގެ މަގުސަދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅެކެވެ.

"ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ޚިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ނަމުގައި ގެޒެޓްކުރެވުނު މި އުސޫލު، ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތައް އަދި ހޮޓާތަކުގެ އިތުރުން ވޯޓާ ސްޕޯޓްސް ހިންގާ އެންމެހައި މަރުކަޒުތަކުގެ މައްޗަށް ހިނގާނެއެވެ.

އަލަށް ގެނައި މި ބަދަލުތަކުގެ ދަށުން، މީހެއްގެ އިސްކޮޅުގެ ތިންބައިކުޅަ ދެބަޔަށްވުރެ ފުން ސަރަހައްދުތަކުގައި ކުރިއަށްގެންދާ އެއްވެސް ހަރަކާތަކަށް ފަތުރުވެރިއަކު ގެންދިއުމުގެ ކުރިން، އެމީހަކަށް އެކަށީގެންވާ ވަރަށް ފަތަން އެނގޭތޯ ތިލަ ފެނުގައި ޓެސްޓުކޮށް ބަލަންޖެހޭނެއެވެ. އަދި ކޮންމެ ހަރަކާތެއް ހިންގުމުގައިވެސް، އެކަމުގައި ބައިވެރިވާ މީހުންގެ ނިސްބަތަށް ބަލައި އެކަށީގެންވާ އަދަދަކަށް ތަމްރީނު ލިބިފައިވާ ގައިޑުން ތިބެންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެގެން ނެރޭ އެލާޓުތަކަށް ސަމާލުވެ، އެފަދަ ހާލަތްތަކުގައި އެއްވެސް މޫދު ކުޅިވަރެއް ނުވަތަ ދަތުރެއް ކުރިއަށް ގެންދިއުން މި ގަވާއިދުން މުޅިން މަނާކުރެއެވެ.

މި ގަވާއިދުގައި މޫދު ކުޅިވަރުތައް ވަނީ މައިގަނޑު ތިން ގިންތިއަކަށް ބަހާލާފައެވެ:

  • ޖެޓްސްކީ އާއި ވޯޓާ ސްކީ ފަދަ އިންޖީނު އެޅި އުޅަނދުތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް.
  • ކަޓަމަރާން ދުއްވުމާއި ރާޅާއެޅުން ފަދަ އިންޖީނު ނުހިމެނޭ ވަސީލަތްތަކުގެ ހަރަކާތްތައް.
    ސްނޯކްލިންގ އާއި މޫދު ދަތުރުތައް ފަދަ އެކްސްކާޝަންތައް. (ނަމަވެސް، ސްކޫބާ ޑައިވިންގ ފަދަ ފީނުމުގެ ކަންކަން ހިންގާނީ ކުރިއެކޭވެސް އެއްފަދައިން އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ ވަކި ގަވާއިދެއްގެ ދަށުންނެވެ.)

މި އުސޫލުތަކާ ހިލާފުވާ ވިޔަފާރިތަކާއި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ޖޫރިމަނާ ކުރެވޭނެ މިންވަރުތަކަކީ:

  • ފުރަތަމަ ފަހަރު: 10,000 ރުފިޔާއާ ހަމައަށް
  • ދެވަނަ ފަހަރު: 50,000 ރުފިޔާއާ ހަމައަށް
  • ތިންވަނަ ފަހަރު: 100,000 ރުފިޔާއާ ހަމައަށް

ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ތަންތަނަށް ދޫކޮށްފައިވާ ޚިދުމަތް ދިނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، މުޅިން ބާތިލުކުރުމުގެ ފުރިހަމަ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ދީފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާން، ރައްކާތެރި މާހައުލެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450