ޚަބަރު
ވަރަ އެކްސްޕޯ 2026: ޒުވާނުންނަށް އެތައް ވަޒީފާގެ ފުރުޞަތެއް
2025 ވަނަ އަހަރުގެ ވަރަ އެކްސްޕޯ / ފޮޓޯ: އެމްއެންޔޫ
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4:00 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި އެކްސްޕޯއަކީ ވަޒީފާދޭ ފަރާތްތަކާއި، ތަޢުލީމުދޭ މުއައްސަސާތަކާއި، ތަމްރީނުދޭ ފަރާތްތަކުގެ އިތުރުން ޒުވާނުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދީ، ފުރުޞަތުތައް ދެނެގަނެ، އައު ދާއިރާތައް ހޯދައި، އަދި މަސައްކަތުގެ މާދަމާ ބައްޓަންކުރުމަށް މަގުފަހިކޮށްދޭނެ ހަރަކާތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ.
ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލާފައިވަނީ މައިގަނޑު 4 ޒޯނަކަށެވެ. އެއީ:
- ކެރިއަރ ޒޯން: 34 ބައިވެރިން
- އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން
- މާކެޓް ޒޯން: 73 ބައިވެރިން
މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުޅުވާލައިގެން ބާއްވާ މި އެކްސްޕޯ ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.