ދުނިޔެ
ޣައްޒާގައި ހުންނަ އެމްއެސްއެފްގެ ކްލިނިކަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ މުވައްޒަފަކު ޝަހީދުވެއްޖެ
ޣައްޒާއަށް ދިން ހަމަލާއެއްގައި އަނިޔާވި ބައެއް ފަރުވާާއަށް ގެންދަނީ. ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ސިޓީގައި ހުންނަ އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ގެ ކްލިނިކަކަށް އިސްރާއީލު ސިފައިން ދިން ވަރުގަދަ ހަމަލާއެއްގައި އެ ޖަމާއަތުގެ ދެ މުވައްޒަފަކު ޝަހީދުވެއްޖެއެވެ.
އެމްއެސްއެފުން ހުކުރު ދުވަހު 'އެކްސް' ގައި ހާމަކުރި ގޮތުގައި މި ހަމަލާގައި މަރުވެފައިވަނީ އެ ކްލިނިކުގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ދެ ވޮޗްމަނުންނެވެ. މި ހަމަލާއަކީ ސީދާ އެ ކްލިނިކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި، މިއާއެކު ޣައްޒާގައި ޝަހީދުވި އެ ޖަމާއަތުގެ މުވައްޒަފުންގެ އަދަދު 17 އަށް އަރާފައިވާ ކަމަށް އެމްއެސްއެފުން ބުންޏެވެ. އަދި މި ހަމަލާ ދިން އިމާރާތަކީ އެމްއެސްއެފްގެ ލޯގޯ ސާފުކޮށް ފެންނަން ހުރި، އަދި އެތަނުގެ މައުލޫމާތު އިސްރާއީލުގެ އަސްކަރިއްޔާއާ ކުރިން ހިއްސާކޮށް އެނގިފައިވާ ތަނެއް ކަމަށް ބުނެ، މި އަމަލު ހިންގި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި، އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި، އެ ދެ މުވައްޒަފުންނަކީ ހަމާސްގެ މެންބަރުން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ މީހުންނަށް ހަމަލާދިނުމުގެ ބަދަލުގައި އެމީހުންނަށް ރައްކާތެރިކަން ދޭންޖެހޭނެ ކަމަށެވެ. މީގެއިތުރުން ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާއިން ވެސް ވަނީ އެމްއެސްއެފްގެ ކްލިނިކަށް ދިން ހަމަލާ ކުށްވެރިކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށާއި އެތަންތަނަށް އިސްރާއީލުން ރޭވުމެއްގެ ދަށުން އަމާޒުކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާދިނުން
ޣައްޒާގައި އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،700 އަށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ޖެނުއަރީ މަހާ ހަމައަށް އެމްއެސްއެފްގެ 15 މުވައްޒަފަކު ވެސް ހިމެނެއެވެ. އެމްއެސްއެފުން ޖެނުއަރީ މަހު ހާމަކުރި ގޮތުގައި މިއަހަރު ފެށުނީއްސުރެ އިސްރާއީލުން ވަނީ އެ ޖަމާއަތުގެ އެހީގެ ތަކެތި އެތެރެކުރުމަށް ހުރަސްއަޅައި، ބައިނަލްއަގުވާމީ މުވައްޒަފުން އެތެރެވުން މަނާކޮށްފައެވެ. އެހީދޭ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި އިސްރާއީލުން އެއްވެސް ހެއްކެއް ނެތި އެހީދޭ މީހުންނަކީ ހަމާސްއާ ގުޅުން އޮންނަ ބައެއް ކަމަށް ބުނެ ކުރާ ތުހުމަތުތަކުގެ ސަބަބުން، އިންސާނީ އެހީތެރިންނަށް ހަމަލާދިނުން ވަނީ އާދައިގެ ކަމަކަށް ހަދާފައެވެ.
މި ހަފުތާގެ ކުރީކޮޅު ވެސް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އެޖެންސީ (އުންރުވާ) ގައި 35 އަހަރު ވަންދެން މަސައްކަތްކުރި އާދިލް އަލްހެލޫ ވަނީ ޝަހީދުވެފައެވެ. އޭނާ ޝަހީދުވީ ޣައްޒާގެ އުތުރުގައިވާ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
މި ހުރިހާ ހަމަލާތަކެއް ދެމުން މިދަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.