ދުނިޔެ
އެލް ނީނިއޯގެ ސަބަބުން ޕެރޫ އަދި އިކުއެޑޯގެ ސިޓީތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް
އެލް ނީނިއޯގެ ސަބަބުން ޕެރޫ އަދި އިކުއެޑޯގެ ސިޓީތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުން
އާދަޔާ ޚިލާފަށް ބާރުގަދަ 'އެލް ނީނިއޯ' ތޫފާނާ ގުޅިގެން ކުރަމުންދާ ބޯ ވިއްސާރައިގައި، ޕެރޫ އަދި އިކުއެޑޯގެ ގިނަ ސިޓީތަކެއްގައި ބޮޑުތަނުން ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފިއެވެ.
ޕެރޫގެ އުތުރުގައި އޮންނަ ޕިއުރާ ރީޖަންގެ ވެރިރަށް ޕިއުރާ ސިޓީއަށް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 12 ގަޑިއިރު ވަންދެން ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި އުނަގަނޑާ ހަމައަށް ފެންބޮޑުވިއެވެ. އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސިވިލް ޑިފެންސްގެ ވެރިޔާ ލުއިސް ވަސްކޭޒް ރޭޑިއޯ ސްޓޭޝަނަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި ވިއްސާރައިގައި ޕިއުރާގެ 2،000 އެއްހާ ޢާއިލާއަށް ވަނީ އަސަރުކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕިއުރާގެ ހޮސްޕިޓަލެއްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ވޯޑުގައި ތިބި ބަލިމީހުން ވަނީ އޮޑިޓޯރިއަމަށް ބަދަލުކޮށްފައެވެ. އަދި ހާލު ސީރިއަސް ބަލިމީހުން އައިސީޔޫއަށް ބަދަލުކުރެވުނުއިރު، ޕިއުރާ ސެންޓްރަލްގެ ޕްލާޒާ ޑި އަރމާސް އަދި ވިޔަފާރިތަކަށާއި ޢާންމު އިމާރާތްތަކަށް ވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ. ފެން ހިންދުމަށް ޕެރޫގެ އަސްކަރިއްޔާއިން ޕަމްޕުތަކާއެކު ހަރަކާތްތެރިވި ނަމަވެސް، ތެޔޮ ނެތިގެން ބައެއް މެޝިންތައް ހުއްޓި އޮޕަރޭޝަން ލަސްވާކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައެވެ.
ޕެރޫގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އެ ޤައުމުގެ ކަނޑުގެ ސިފައިން ހާމަކުރި ގޮތުގައި އެލް ނީނިއޯގެ ސަބަބުން އުފެދުނު ބާރުގަދަ ރާޅުތަކުގެ ސަބަބުން އައްސޭރިފަށުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުންވެ، ގިނަ ބަނދަރުތަކެއް ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ޕެރޫގެ ރައީސާ ކޭކޯ ފުޖިމޯރީ ވަނީ ކޮލަމްބިއާއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރައްވައި، ގެއްލުންވި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވަން ނިންމަވާފައެވެ.
އަނެއްކޮޅުން އިކުއެޑޯގައި ވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެ ޤައުމުގެ ނޭޝަނަލް ސެކްރެޓޭރިއަޓް ފޯ ރިސްކް މެނޭޖްމަންޓުން ހާމަކުރި ގޮތުގައި ވިއްސާރައިގައި މިހާތަނަށް 34 މީހުން މަރުވެ، 47،000 މީހުންނަށް ވަނީ އަސަރުކޮށްފައެވެ. ހުޅަނގުގެ ސިޓީއެއް ކަމަށްވާ މަންޓާގެ ދެ ކޯރެއް ފުރިގެން ބަންޑުންވުމުގެ ސަބަބުން މީހުންގެ މޭމައްޗާ ހަމައަށް ފެންބޮޑުވެ، ނަރުދަމާ ހޮޅިތައް ފަޅައިގެން ގޮސް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން ޕެރޫ އަދި އިކުއެޑޯގެ އިތުރުން ލެޓިން އެމެރިކާގެ އެހެން ބައެއް ޤައުމުތަކުން ވެސް ވަނީ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. ޕެސިފިކް ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން އުފެދޭ އެލް ނީނިއޯގެ މި އަހަރުގެ ބާރުގަދަވުން ރެކޯޑު މިންވަރަކަށް ދާނެ ކަމަށް ލަފާކުރެވޭއިރު، އދ. ގެ އިދާރާތަކުން ބުނެފައިވަނީ ހަނގުރާމަތަކާއި މިފަދަ މޫސުމީ މައްސަލަތަކުގެ ސަބަބުން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ 16 ސަރަޙައްދެއްގައި ބަނޑުހައިހޫނުކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.