Ads by Farudhun

ޚަބަރު

އެންސީޕީއެލްއިން އެއާޕޯޓުގެ 150 އޮފިސަރުން ތަމްރީނުކޮށްފި

އެންސީޕީއެލްއިން އެއާޕޯޓުގެ 150 އޮފިސަރުން ތަމްރީނުކޮށްފި

އެންސީޕީއެލްއިން އެއާޕޯޓުގެ 150 އޮފިސަރުން ތަމްރީނު ފުރިހަމަކުރުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ނޮވެމްބަރު 2026، 10:35

28 ނޮވެމްބަރު 2026، 10:35

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ސެކިއުރިޓީ އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި 150 އޮފިސަރުން ދަސްވެނިވެއްޖެއެވެ. 

މި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގގައެވެ.

އެންސީޕީއެލްއީގެ ސެންޓަރ ފޮރ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 6 ބެޗަކަށް ބަހާލައިގެން، 1 ފެބްރުއަރީ 2026 އިން 14 މެއި 2026 ގެ ނިޔަލަށެވެ. މިއީ މި ފެންވަރުގައި، މިހާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެއްފަހަރާ ހިންގުނު މިފަދަ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. 

މި ޕްރޮގްރާމުގައި ސެކިއުރިޓީ އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގާއި، މަސައްކަތު މާހައުލުގެ ރިވެތި އާދަތަކާއި، ކަމާގުޅޭ ގާނޫނުތަކާއި، ދިމާވާ މައްސަލަތައް ގާނޫނީ އަދި އަމަލީ ގޮތުން ހައްލުކުރާނެ ގޮތްތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް އަދި ސެލްފް ޑިފެންސްގެ އުކުޅުތައް ވަނީ އުނގަންނައިދީފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، އެއާޕޯޓު ފަދަ ގައުމުގެ މުހިންމު ދޮރާއްޓެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމްއޭސީއެލްގެ ލީޑަރޝިޕުން ދެއްވާ އަހަންމިއްޔަތަކީ ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުންވެސް ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަސްވެނިވި އޮފިސަރުންގެ ޑިސިޕްލިންއާއި ޑްރިލްގެ ފެންވަރަށް ތައުރީފު ކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ތެރޭގައި އަސާސީ ތަމްރީނުތައް ފުރިހަމަކޮށްފައި ތިބޭ ފަރާތްތަކާ އެއްވަރުގެ ފެންވަރެއް މި އޮފިސަރުންގެ ފަރާތުން ފެނިގެންދިއުމަކީ ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރު ވެސް އެމްއޭސީއެލްއާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް އިތުރަށް ފުޅާވެ، އެޑްވާންސް ލެވެލްއަށް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ތަމްރީނުން އުނގެނުނު ކަންކަން ޑިއުޓީގައާއި އާންމު ދިރިއުޅުމުގައި އަމަލާއި އަހުލާގުން ދެއްކުމަށް ދަސްވެނިންނަށް އިލްތިމާސްކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ އިގުތިސާދީ މައި ނާރު އަދި ދުނިޔެއަށް ހުޅުވިފައިވާ މައި ދޮރާށިކަމުން، އެއާޕޯޓުގެ ސެކިއުރިޓީއަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ހަމައެކަނި ކުންފުނީގެ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއާޕޯޓުގެ ލޭންޑްސައިޑް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުފެއްދި އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ޒިންމާތައް ކުރު މުއްދަތެއްގެ ތެރޭގައި ފުޅާވެގެން ގޮސްފައިވާއިރު، މުވައްޒަފުން ބިނާކުރުމުގައި ފުލުހުންގެ ޚިދުމަތުން ވެދެއްވާ އެހީތެރިކަމަށް ސީއީއޯ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެންސީޕީއެލްއީގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ކޮލެޖް ކައުންސިލްގެ ޗެއަރޕާރސަން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމާއި، ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި ދެ މުއައްސަސާގެ އިސްވެރިންނާއި މުދައްރިބުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450