Ads by Farudhun

ޚަބަރު

ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭން އައިޖީއެމްއެޗްގައި އައު އިމާރާތެއް އަޅަނީ

ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭން އައިޖީއެމްއެޗްގައި އައު އިމާރާތެއް އަޅަނީ

ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ނޮވެމްބަރު 2026، 04:19

28 ނޮވެމްބަރު 2026، 04:19

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން އައު އިމާރާތެއް އެޅުމުގެ މަޝްރޫއެއް އެކުލަވާލާފައިވާ ކަމަށް، ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ، އައިޖީއެމްއެޗް ބިނާކުރިތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ވޭތުވެދިޔަ މުއްދަތުގައި އެ ހޮސްޕިޓަލުގެ މަރާމާތު މަސައްކަތްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ނުރައްކާތެރި ދެ ހާދިސާއެއް ވެސް އެ ހޮސްޕިޓަލުގައި ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ އިތުރަށް ހާމަކުރެއްވި ގޮތުގައި، އޮންކޮލޮޖީ އަދި ޕަލްމޮނޮލޮޖީގެ ޚިދުމަތް ކުރިން ދެމުން އައި ވިންގަކީ މިހާރު ޚިދުމަތް ފޯރުކޮށްދިނުމަށް އެކަށޭނަ ތަނަކަށް ނުވާތީ، އެތަން މިހާރު ވަނީ ހުސްކޮށްފައެވެ. އަދި އެ ދެ ދާއިރާގެ ޚިދުމަތްތައް މިހާރު ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރުގެ ޕްލޭނަކީ ބާވެފައިވާ އެ ވިންގު އެއްކޮށް ތަޅާލުމަށްފަހު، އެ ބިމުގައި ޒަމާނީ ވަސީލަތްތަކާ އެކު އައު އިމާރާތެއް ބިނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ، މި ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް 800 އެއްހާ އެނދު ބޭނުންވި ނަމަވެސް، މިވަގުތު ލިބެންހުރީ އެންމެ 500 އެނދު ކަމަށެވެ. މާލެ ސަރަހައްދުގެ އާބާދީ އިތުރުވެ، އަތޮޅުތަކުން ފަރުވާއަށް އަންނަ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ނިސްބަތުން ސިއްހީ އުމްރާނީ ތަރައްގީ ގެނެވިފައި ނުވާކަން ފާހަގަކުރައްވަމުން، ހުޅުމާލޭގެ އާބާދީ ބޮޑުވަމުން އަންނައިރު ވެސް އެ އަވަށުގައި އަދިވެސް ހިންގަނީ އެންމެ ހޮސްޕިޓަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެނދު ދަތިވުމުގެ ސަބަބުން ބަލިމީހުން އެޑްމިޓްކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އެނދެއް ހުސްނުވެގެން އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން އިމަޖެންސީ ރޫމް (އީއާރު) ގައި ބަލިމީހުން ބައިތިއްބަން ޖެހޭ ހާލަތްތައް ދިމާވާ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ. ބަލިމީހަކު ދޫކޮށްލުމަށްފަހު އަނެއް ބަލިމީހާ ވެއްދުމުގައި ވަގުތު ނަގަނީ، އިންފެކްޝަން ކޮންޓްރޯލް ކުރުމަށާއި ސާފުތާހިރުކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

ނަމަވެސް، އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ބަލިމީހާ އެޑްމިޓްކުރާ ހިސާބުން ފެށިގެން ދޫކޮށްލާނެ ވަގުތު ދުރާލައި ތާވަލުކޮށް، ޑޮކްޓަރު ޑިސްޗާޖުކުރަން ނިންމާތާ ގިނަވެގެން ތިން ގަޑިއިރުގެ ތެރޭގައި އެނދު ހުސްކުރެވޭނެ އުސޫލެއް މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި އަލަށް ގާއިމުކުރެވޭ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި އެނދުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450