ޚަބަރު
ދުނިޔޭގެ ސިއްޙަތާ ބެހޭ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މެޑަމް ސާޖިދާ ޤަޠަރަށް ފުރާވަޑައިގެންފި
މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ސިއްޙަތާ ބެހޭ ބައިނަލްއަޤުވާމީ އިނޮވޭޝަން ސަމިޓް، "ވާރލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތު" (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޤަޠަރުގެ ދޯހާއަށް ފުރާވަޑައިގެންފިއެވެ. އެކަމަނާ މި ދަތުރުފުޅު ފެއްޓެވީ މިރޭގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއާޕާސަން ހަރ ހައިނަސް ޝައިޚާ މޫޒާ ބިންތި ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.
މި ހިނގާ ނޮވެންބަރު މަހުގެ 29 އިން 30 އަށް ޤަޠަރު ނޭޝަނަލް ކޮންވެންޝަން ސެންޓަރު (ކިއުއެންސީސީ) ގައި ކުރިއަށްދާ މި ސަމިޓަކީ، ޤަޠަރު ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން ބާއްވާ 8 ވަނަ ސަމިޓެވެ. މިއަހަރުގެ ސަމިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ދަ ނިއު ހެލްތު ސްޕޭން" ގެ ޝިޢާރުގެ ދަށުންނެވެ.
މި ސަމިޓުގެ ތެރެއިން، މަތީ ފެންވަރުގެ ބައްދަލުވުމެއް ކަމަށްވާ "ގްލޯބަލް ހެލްތު ބިޔޯންޑް 2030: އެމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންނާ އެކަމަނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
"ވިޝް" ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކާއި، ދިރާސާވެރިންނާއި، ޑޮކްޓަރުންނާއި، އައު އީޖާދުތައް އުފައްދާ ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެ، ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޢަމަލީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރާ މުހިންމު ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ.