ޚަބަރު
ހޯރަފުށީގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ސަލީމަށް ޒަހިއްޔާގެ ބޮޑެތި ތުހުމަތުތަކެއް
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) - ފޮޓޯ: ޒަހިއްޔާ ފޭސްބުކް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން ހޯރަފުށީ ދާއިރާގެ ނަތީޖާ ބޮޑުތަނުން އޮޅުވާލާފައިވާ ކަމަށް ބުނެ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ފާތުމަތު ޒަހިއްޔާ އޭނާގެ ފޭސްބުކް މަންސައިގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯރަފުށީ ދާއިރާގެ ގައުމީ މަޖިލިސް ގޮނޑިއަށް އިތުރު މީހަކު ކުރިމަތިލާފައި ވަނިކޮށް، ސަލީމް އެދިވަޑައިގެންނެވުމުން އެ މީހާގެ ނަން ނަގުވައި، އިންތިޚާބަކާ ނުލައި ސަލީމަށާއި އަހުމަދު ޝިފާއުއަށް "ތަބަކަކަށް ލާފައި" އެ ފުރުސަތު ހޯއްދަވައިދެއްވި ކަމަށެވެ. ނަމަވެސް، މި ފަހަރު ސަލީމް ވަނީ ހޯރަފުށީގައި އޮތް ޒަހިއްޔާގެ ނަތީޖާ ބޮޑުތަނުން އޮޅުވާލާފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޒަހިއްޔާ ވިދާޅުވި ގޮތުގައި، ހޯރަފުށީ ދާއިރާގެ ނަތީޖާއަށް އެފަދައިން ހެދުމުން މިއީ ބޮޑު އޮޅުވާލުމެއްކަން އެންމެނަށްވެސް މިހާރު ސާފުވާނެއެވެ. އަދި މީގެ ކުރިން ހޯރަފުށީ ދާއިރާއަށް ކުރިމަތިލައްވައި ސަލީމް ނާކާމިޔާބުވުމުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދިނީ އެ ބޭފުޅުން ނުކުމެ ކުރެއްވި ބުރަ މަސައްކަތުން ކަން ސަލީމް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ދައުރުގައި ހޯރަފުށީގައި އެއާޕޯޓް އަޅައިދީ ރަށަށް ތަރައްގީ ގެނެސްދިން ނަމަވެސް، ނިމިދިޔަ 20 ވަނަ މަޖިލިސް އިންތިޚާބުގައި ސަލީމަށް އެ ގޮނޑި ކާމިޔާބު ނުކުރެވުނު ސަބަބާ މެދުވެސް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޒަހިއްޔާ އިތުރަށް ވިދާޅުވީ، އޭނާގެ އުފަން ރަށުގައި އޮތް ޕްލެޖް ބޮޑުތަނުން އޮޅާލައި، ސަލީމް ހިތުހުރި ގޮތަކަށް އަމަލުކުރެއްވި ކަމަށެވެ. އަދި މިއަދު އެގޮތަށް ކަންކަން ކުރެއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތް ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، މި ވާހަކަތައް އާންމުކުރެއްވީ ވޯޓު އޮޅުވާލުމާ ގުޅިގެން ހޯރަފުށީގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަ ލިޔެދިނުމަށް އެދުމުން ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
މި އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ އެތެރޭގައި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެކި ދާއިރާތަކަށް ވާދަކުރި ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވައި، ބައެއް މީހުންނަށް ނަން ނެގުމަށް އެންގެވި ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ދުވަހުވެސް، ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.