Ads by Farudhun

ޚަބަރު

މަތިވެރީ ޓޫރިޒަމް ޒޯން އެކެއް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

މަތިވެރީ ޓޫރިޒަމް ޒޯން އެކެއް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

އއ މަތިވެރި - ފޮޓޯ: އައިލެންޑީ.ކޮމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

28 ނޮވެމްބަރު 2026، 05:47

28 ނޮވެމްބަރު 2026، 05:47

އއ. މަތިވެރީގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، އެ ރަށުގެ "ޓޫރިޒަމް ޒޯން 1" ގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ރަސްމީކޮށް ހުޅުވާލައިފިއެވެ.

މަތިވެރީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ މި ޒޯނަކީ ޖުމްލަ 47،000 އަކަފޫޓުގެ ބޮޑު ސަރަހައްދެކެވެ. މި ބިން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރު ދުވަހުގެ ދިގު މުއްދަތަކަށެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި މި ސަރަހައްދަކީ ބިޔަ ހޮޓަލެއް ނުވަތަ ފަތުރުވެރިކަމުގެ ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއެއް ހިންގުމަށް ވަރަށް އެކަށޭނަ ތަނެކެވެ.

މި ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލް" އަށް ފުރިހަމައަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 30،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އަދި މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުން، އަންނަ ޑިސެމްބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި މަތިވެރި ކައުންސިލް އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބީލަން ބަލައިގަތުމާއި އަދި ބީލަންތައް ހުޅުވުން އޮންނާނީ އަންނަ އަހަރުގެ (2027) ޖެނުއަރީ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި މަތިވެރި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އއ. މަތިވެރިއަކީ މިހާރުވެސް ފަތުރުވެރިކަން ވަރަށް ބާރަށް ފުޅާވަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރު ވެސް އެ ރަށުގައި 12 ގެސްޓްހައުސް ކާމިޔާބުކަމާއެކު ހިންގަމުން އަންނައިރު، ފަތުރުވެރިކަމުގެ ތަރައްގީއަށް ޚާއްސަކޮށްގެން ރަށުން ކަނޑައަޅާފައިވާ ޖުމްލަ ތިން ސަރަހައްދެއް އޮވެއެވެ. ޓޫރިޒަމް ޒޯން އެކެއް ތަރައްގީކުރުމަށް ހުޅުވާލި މި ފުރުސަތަކީ ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450